MTCC

ބޮޑުތަކުރުފާނުމަގު ހެދުން: ޕާކިން ޒޯނުގައި ތާރު އަޅައި ނިންމާލައިފި

HM4nnu2aoAA6t9L

ބޮޑުތަކުރުފާނުމަގު ހެދުން: ޕާކިން ޒޯނުގައި ތާރު އަޅައި ނިންމާލައިފި

SHARE

މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މާލެ އުތުރު ފަރާތް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށާއި ޕާކިން އޭރިޔާގައި ތާރު އަޅައި ނިންމާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި، މި މަޝްރޫއުގެ ދަށުން ސެގްމެންޓް 4 އަދި 5 ގައި ހިމެނޭ ޕާކިން ޒޯންގެ ކެރިއޭޖްވޭގައި މިހާރު ވަނީ މުޅިން ތާރުއަޅާ ނިންމާފައެވެ. އަދި މި ސަރަހައްދުގައި ރޯޑް މާކިން ނުވަތަ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

މީގެ އިތުރުން، މަޝްރޫއުގެ ސެގްމެންޓް 2 އަދި 3 ގެ މަސައްކަތްތަކަށް ބަލާއިރު، ކާބްސްޓޯން ޖެހުމާއި ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ވަނީ އެއްކޮށް ނިމިފައެވެ. އަދި މި ސެގްމެންޓްތަކުގެ ސަބް-ބޭސް މަސައްކަތްތަކާއި، އޭބީސީ އެޅުމުގެ އިތުރުން ތާރުއެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން އުންމީދު ކުރެއެވެ. ފަޅުތެރޭގެ މަސައްކަތްތަކަށް ބަލާއިރު، ކީވޯލް ކެޕިން ކޮންކްރީޓް މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، މި މަސައްކަތުގެ ބާކީބައި 11 ޖުލައި އަށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި ބޮޑު މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކުރެވިގެންދާނެއެވެ. ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމުގެ އިތުރުން، ޒަމާނީ ފެންވަރުގެ ދުވާރުތަކާއި، ހަރުދަނާ ފެން ހިންދާ ނިޒާމެއް ގާއިމުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. އަދި މަގު ފެހިކުރުމަށް ގިނަ އަދަދެއްގެ ގަސް އިންދުމާއި، ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

އާންމުންނަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ ހާއްސަކުރުމާއި، މަސްވެރިންގެ ޕާކު ސަރަހައްދު ތަރައްގީކުރުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ. ހާއްސަކޮށް ބީއެމްއެލް ހެޑް އޮފީސް ކުރިމަތިން ފަޅުން ބައެއް ހިއްކައިގެން ގިނަ އަދަދެއްގެ ސައިކަލު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި މަޝްރޫއުގެ މުހިންމު އެއް ބައެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ.