ތެލެސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާ ކަމަށްވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ހަ ކުއްޖަކު އިންޑިއާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.
މިއީ މި އަހަރުގެ ތެރޭގައި ސަރުކާރުގެ އެހީގައި މި ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވާ ފުރަތަމަ ގްރޫޕެވެ. މި ކުދިން ފުރުމުގެ ކުރިން އެކުދިންނާއި އާއިލާތަކާ ބައްދަލުކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އިމްތިތާއު ޢައްބާހުގެ އިތުރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް އަބަދުއްރައްޒާޤު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މި ކުދިންގެ ފަރުވާއަށް ބޭނުންވާ 2.5 މިލިއަން ރުފިޔާ ޒަކާތު ހައުސްއިން ވަނީ މިދިޔަ މަހު އެންއެސްޕީއޭ އަށް ޖަމާކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވެފައިވާއިރު، ފުރަތަމަ ފުރާ ހަ ކުދިންގެ އިތުރުން ބާކީ ތިބި ހަތަރު ކުދިން ފޮނުވުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތެލެސީމިއާ ކުދިންގެ މިފަދަ ފަރުވާތަކަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ކުދިން މުޅި އުމުރަށް ލޭ އެޅުމުން ދުރުކޮށްދޭ، އެ ބައްޔަށް އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގެ ސަބަބުން ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ސިއްހީ ގޮންޖެހުންތަކަށް ނިމުމެއް އަންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާގެ ކަންކަން ފަހިކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން 2026 ވަނަ އަހަރާ ހަމައަށް މި ފަރުވާ ހޯދުމަށް ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.