MTCC

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

images

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

SHARE

ނިމިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުށަހެޅުނު ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކާ ގުޅިގެން، 6 ލައްކައަށްވުރެ ގިނަ ރުފިޔާގެ ފައިސާއާއި މުދާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ތަކެއްޗާއި ފައިސާ ހޯދާފައިވަނީ ޖޫން 28 އިން މިމަހު 4 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތުން ޖުމްލަ 611,416 ރުފިޔާގެ ނަގުދު ފައިސާއާއި ވަގަށް ނަގާފައިވާ އެކި ބާވަތުގެ ތަކެތި ވަނީ ހޯދިފައެވެ. އެގޮތުން:

  • ވިލިމާލެ ފުލުހުން – 627 ރުފިޔާ
  • ހެންވޭރު ފުލުހުން – 175،000 ރުފިޔާ
  • ގަލޮޅު ފުލުހުން – 233،881 ރުފިޔާ
  • މާފަންނު ފުލުހުން – 104،008 ރުފިޔާ
  • ސްޕެޝަލް އެންފޯސްމެންޓް ޓީމް – 97،900 ރުފިޔާ ވަނީ ހޯދާފައެވެ.

މި ހޯދުންތަކަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް، ގެއްލޭ މުދާ ހޯދައި އޭގެ ހައްގުވެރިންނަށް ރައްދުކުރުމަށް ފުލުހުން ކުރަމުންދާ މެދުކެނޑުމެއް ނެތް މަސައްކަތުގެ ނަތީޖާކަމަށް ފުލުހުން ވިދާޅުވެއެވެ. މިފަދަ މައްސަލަތައް ހަލުވިކަމާއެކު ބަލައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުންގެ މުހިންމު އަމާޒެކެވެ.

ފުލުހުން އިތުރަށް ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މުދާ ރައްކާތެރިކޮށް، ފުލުހުންގެ ހިދުމަތަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. މިގޮތުން ކުށްތައް މަދުކުރުމަށާއި ކުށްކުރާ ފަރާތްތައް އަތުލައިގަތުމަށް ހާއްސަ ސަމާލުކަމެއް ދީގެން އޮޕަރޭޝަންތައް ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.