MTCC

ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއްގައި ތާރު އަޅައި ނިންމާލައިފި

HMry9ZhawAAYP3c

ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއްގައި ތާރު އަޅައި ނިންމާލައިފި

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ މަގުގެ ބޮޑު ބައެއްގައި ތާރުއަޅައި ނިންމާލާފައިވާއިރު، މިމަހު 26 ގައި އެމަގު ހުޅުވާލުމަށް އެސަރުކާރުން އަމާޒު ހިފައިފިއެވެ.

މި މަޝްރޫއަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ރޭ ތާރުއަޅާފައިވަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސެގްމެންޓް 4 އަދި 5 ގައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި އިމާރާތާ ހަމައަށް މިހާރު ވަނީ ތާރުއަޅައި ނިންމާފައެވެ. އަދި މަޝްރޫއުގެ ބާކީ އޮތް ބައި ކަމަށްވާ ފޮރިން މިނިސްޓްރީން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ކުރިއަށްދާނެއެވެ. އަދި މިއަހަރު މިނިވަން ދުވަހުގައި އެމަގު ހުޅުވާން މަސައްކަތްކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ އޮފިޝަލަކު ވަނީ މީޑިއާއަށް މައުލޫމާތު ދެއްވާފައެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކުރެވިގެންދާނެއެވެ. ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމުގެ އިތުރުން، ޒަމާނީ ފެންވަރުގެ ދުވާރުތަކާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، މަގު ފެހިކުރުމަށް ގިނަ އަދަދެއްގެ ގަސް އިންދުމާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ ހާއްސަކޮށް، މަސްވެރިންގެ ޕާކު ސަރަހައްދު ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭނެއެވެ. ހާއްސަކޮށް ބީއެމްއެލް ހެޑް އޮފީސް ކުރިމަތިން ފަޅުން ބައެއް ހިއްކައިގެން ގިނަ އަދަދެއްގެ ސައިކަލު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

މިދިޔަ މާޗް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.