އެއްވެސް މަގުބޫލު އުޒުރަކާ ނުލައި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސްކޫލްތަކަށް އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުވާލަކު ގާތްގަނޑަކަށް 8,000 ކުދިން ސްކޫލަށް ހާޒިރުނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި، ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަބަބަކީ ފިލާވަޅުތައް ގެއްލުމުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރުކޮށް، ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ބުރޫއަރާނެތީއެވެ.
"އެއްވެސް ސަބަބަކާ ހުރެ ސްކޫލަށް ކުއްޖަކު ނުދިޔުމަކީ އެއީ ވެގެންވާނެ ކަމެއް ނޫން. މިދިޔަ ދެ ހަފްތާއެއްގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް، މިފަދަ ދަރިވަރުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަޅުގަނޑު ވާނީ ސީދާ ދަންނަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުންގެ ހާޒިރީ ބެލުމުގެ ނިޒާމު އެންމެ ފުރަތަމަ ހަރުދަނާކުރީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. ނަމަވެސް އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުގައި އެކަން އޮތީ ދޫކޮށްލާފައި ކަމަށާއި، މިހާރުގެ ސަރުކާރުން މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހާޒިރީ ރިޕޯޓު މިނިސްޓްރީއަށް ފޮނުވުން ސްކޫލްތަކަށް މަޖުބޫރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސްކޫލަށް ހާޒިރުނުވާ ކުދިން އެގޮތަށް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެ ކުދިން ސްކޫލަށް ނުދާ ސަބަބު ދެނެގަނެ، އެކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.