MTCC

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައުލޫމާތު ދޭން ވައިބާ ކޮމިއުނިޓީތަކެއް އުފައްދައިފި

original_1775109810154

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައުލޫމާތު ދޭން ވައިބާ ކޮމިއުނިޓީތަކެއް އުފައްދައިފި

SHARE

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަތައް ރައްޔިތުންނަށް އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޚާއްސަ ވައިބާ ކޮމިއުނިޓީތަކެއް އިފްތިތާހުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ތަފާތު ހަތަރު ދާއިރާއަކަށް އަމާޒުކޮށްގެން ވަނީ ވައިބާ ކޮމިއުނިޓީތައް އުފައްދާފައެވެ. މީގެ ތެރެއިން ތިން ކޮމިއުނިޓީއަކީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން، އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އުފެއްދި ގުރޫޕްތަކެކެވެ.

އުފައްދާފައިވާ ވައިބާ ކޮމިއުނިޓީތަކަކީ:

  • ބިންވެރިޔާ ހުޅުމާލެ: ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް.
  • ބިންވެރިޔާ ގުޅިފަޅު: ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް.
  • ބިންވެރިޔާ ގިރާވަރުފަޅު: ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް.
  • ބޯހިޔާވަހިކަން އެންމެންނަށް: ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ އާންމު މައުލޫމާތު ހިއްސާކުރުމަށް.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ކޮމިއުނިޓީތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި، މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ އަދާހަމަތައް ވަގުތުން ވަގުތަށް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. މިއީ މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ދެކެއެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ދާދިފަހުން ބޯހިޔާވަހިކަމާއި ބިމަށް ހުޅުވާލި ފުރުސަތުގައި 50,000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.

މި ވައިބާ ކޮމިއުނިޓީތަކާ ގުޅުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތަފްސީލުތައް ހާމަކުރުމެވެ.