ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ފެށި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތަށް އާންމުންގެ އިތުބާރު ލިބި، ދަތުރުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 12 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ޖުމްލަ 6،912 ދަތުރު ވަނީ ކޮށްފައެވެ. މީގެ ތެރޭގައި މާލެ ތެރޭގެ 3،569 ދަތުރާއި، ދާދިފަހުން ޚިދުމަތް ފެށި ވިލިމާލޭގައި ކުރި 528 ދަތުރު ހިމެނެއެވެ.
މި ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު ބޭނުންކުރަނީ މާލެ ޓެކްސީ ލައިންގެ ހާއްސަ މޮބައިލް އެޕްލިކޭޝަނެވެ. އެގޮތުން 6،112 މީހަކު އެޕް މެދުވެރިކޮށް ދަތުރުތަކަށް އެދިފައިވާއިރު، ހޮޓްލައިން 1655 މެދުވެރިކޮށް 800 އެއްހާ މީހުން ޚިދުމަތް ހޯދާފައިވެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެޕްލިކޭޝަން މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށްވެސް ލިބެން ހުންނާނެއެވެ.
އެމްޓީސީސީން ހިންގާ މި ޓެކްސީ ލައިންގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި 150 އިލެކްޓްރިކް އުޅަނދެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ތިން ބާވަތެއްގެ ކާރު މި ޚިދުމަތުގައި ހިމެނެއެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، އެއާޕޯޓް ދަތުރުތަކަށް ހާއްސަ ކާރުގެ އިތުރުން ގިނަ މީހުންނަށް ދަތުރުކުރެވޭ ބޮޑެތި ކާރު ހިމެނެއެވެ.
"ބާރުބޮޑު ގަޑިތަކުގައިވެސް 5 ނުވަތަ 6 މިނެޓް ތެރޭގައި ކޯލްތަކަށް އިޖާބަދެވޭ. އަދި ޑްރައިވަރުންނަށް ހާއްސަ ތަމްރީންތައް ދީގެން ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދަނީ،" ވަޒީރު ސައީދު ވިދާޅުވިއެވެ.
މާލޭގެ ޕާކިން މައްސަލައާއި ދަތުރުފަތުރުގެ ދަތިތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން އިދާރާތައް ގުޅިގެން މާލޭގެ މަގުތަކުގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރެއެވެ.