ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ބޯހިޔާވަހިކަން ލިބޭ މީހުންގެ ދާއިމީ ލިސްޓު މި އަހަރުގެ ތެރޭގައި އާއްމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ވަރަށް ހައްސާސް ކަމަކަށްވާތީ، މި މަޝްރޫއު ކުރިއަށް ގެންދަނީ އެއްވެސް ނުފޫޒެއް ވަނަނުދީ، ވަރަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށެވެ. އަދި މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ވަކި މީހަކަށް ވީތީ ނޫން ކަމަށާއި، އެއީ އެ މީހަކަށް އެކަން ހައްގުވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ތަފްސީލުތައް ރަނގަޅަށް ވެރިފައި ކޮށްފައި ބަލާފައި، އެ ފަރާތްތައް މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހަމަވާނަމަ އެ އޮންނަ ތަރުތީބަކުން އެކަނި ފްލެޓް ނޫނީ ގޯތި ދޭނީ، އެ ޔަގީންކަން އަޅުގަނޑު ދެން،". ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުތައް ކަށަވަރުކޮށް، އެ ފަރާތްތަކަށް އެކަން ރަސްމީކޮށް އަންގާނެ ކަމަށާއި ފްލެޓް ލިސްޓު ނެރޭއިރު، އެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ދޫކުރާ ފްލެޓެއްކަންވެސް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.
މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް ހުޅުވާލި މި ފުރުސަތުގައި ބޯހިޔާވަހިކަމަށް އެދި ޖުމުލަ 58,505 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35,930 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 އެޕްލިކޭޝަން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމުލަ 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންމެ ގޯއްޗަކަށް 1,250 އަކަފޫޓު ކަނޑައަޅާފައިވާ ބިންތަކެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަޙައްދާއި ރަސްމާލެއިންނެވެ.
ފްލެޓް ދޫކުރުމުގެ ތަފްސީލަށް ބަލާއިރު، ޖުމުލަ 7,900 ފްލެޓް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ މާލޭ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.
ބޯހިޔާވަހިކަމުގެ މި ބިޔަ މަޝްރޫޢަކީ މި ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވައުދުފުޅެވެ. މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިއީ އެތައް ހާސް ރައްޔިތުންނެއްގެ އުންމީދުތަކާ ގުޅިފައިވާ ކަމެއްކަން ސަރުކާރުން ފާހަގަކުރެއެވެ.