MTCC

ވީއައިއޭގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދެވެނީ ހުރިހާ އިދާރާއެއްގެ އެއްބާރުލުމާއެކީ: ޝަރީފް

large-thumb-1782665100158-876x533

ވީއައިއޭގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދެވެނީ ހުރިހާ އިދާރާއެއްގެ އެއްބާރުލުމާއެކީ: ޝަރީފް

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ހިދުމަތްތައް އެއްވެސް ހާލަތެއްގައި މެދުނުކެނޑި ކުރިއަށްގެންދެވޭނީ ކަމާބެހޭ ހުރިހާ އިދާރާއެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަންގެ ސަބަބުން ކަމަށް އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅުންހުރި މުހިންމު ތިން މުއައްސަސާއަކާއެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ ފަހުމުނާމާތަކެއްގައި ސޮއިކޮށްފައެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާތަކުގައި އެމް.އޭ.ސީ.އެލް އާއެކު ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އެވެ.

މި އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމަށެވެ. އަދި މި ފަހުމުނާމާތަކުގެ ސަބަބުން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކިފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދުވެސް ތަފާތު ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަންގެ ސަބަބުން ކަމަށެވެ. ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަންބޮޑު މުޢާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެ. މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލުކަން އިތުރުވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

އެން.ޑީ.އެމް.އޭ، އެމް.އެމް.އެސް އަދި އެމް.އާރް.ސީ އިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން ޝަރީފް ވިދާޅުވީ، މި މަސައްކަތަކީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެމް.އޭ.ސީ.އެލް އިން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.