MTCC

އީސީގެ ރައީސަކަށް ޝަކީލު އައްޔަންކުރަން ރުހުން ހޯދަނީ

big_AIhb110MJDHHyROZ3yczpRNUZ

އީސީގެ ރައީސަކަށް ޝަކީލު އައްޔަންކުރަން ރުހުން ހޯދަނީ

SHARE

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް، އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެ ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވުމަށްޓަކައި ޝަކީލްގެ ނަން ހުށަހަޅުއްވާ ކަމަށެވެ. އަދި އެ ނަމާ މެދު މަޖިލީހުން ފެންނަ ގޮތަކަށް ފާސްކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.

މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މަލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިދިޔަ މެއި މަހު އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވުމާ ގުޅިގެން ހުސްވި މެންބަރުކަމުގެ މަގާމަށް ޝަކީލް އައްޔަންކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ވަނީ އެ ދުވަހު މެންބަރުކަމުގެ ހުވާ ކުރައްވައި، އިޤްރާރުގައި ސޮއިކުރައްވާފައެވެ.

މުޙައްމަދު ޝަކީލަކީ މީގެކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދުގެ އިތުރުން، މެންބަރު ހަސަން ޒަކަރިއްޔާ، ޢަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ. ޝަކީލް އީސީގެ ރައީސްކަމަށް އައްޔަންކުރަން ނިންމެވީ އެ ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވެފައިވާތީއެވެ.