MTCC

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ތިން އިދާރާއަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފި

HL5Rt9YbgAEEHmf

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ތިން އިދާރާއަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފި

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ މުހިންމު ތިން އިދާރާއަކާއެކު މިއަދު ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ބޭއްވި "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ރަސްމިއްޔާތުގައި، އެމްއޭސީއެލް އިން ސޮއިކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކުގައެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން، އެ ކުންފުނީގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެކަން ފާހަގަކުރައްވަމުން، ސީއީއޯ ވިދާޅުވީ އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

އަދި މިފަދައިން ކުރެވޭ މަސައްކަތްތަކަކީ ފަސިންޖަރުންނާއި ވައިގެ އުދުހުންތަކުގެ ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި ވީއައިއޭއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއޭސީއެލްއިން ދައުލަތުގެ ހުރިހާ އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ޝަރީފް ދެއްވިއެވެ.

އެމްއޭސީއެލުން ވިދާޅުވިގޮތުގައި މި ފަހުމުނާމާތަކުގެ މައިގަނޑު މަޤްސަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާކުރުމެވެ. މި އެއްބަސްވުންތަކުގެ ދަށުން، ކޮންމެ މުއައްސަސާއަކުން އަދާކުރަންޖެހޭ ދައުރު ސާފުކޮށް ކަނޑައެޅި، ރަސްމީ އޮނިގަނޑެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، ރާއްޖޭގެ މައި ދޮރާށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލް އިން ވަނީ ފަހުމުނާމާގައި ސޮއިކުރި ހުރިހާ އިދާރާތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކޮންމެފަދަ ހާލަތަކަށްވެސް ތައްޔާރުވެފައިވާ، ފަސިންޖަރުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.