MTCC

އަލިފުށި ހޮސްޕިޓަލާއި އެއާޕޯޓްގެ މަސައްކަތް މި ދައުރު ތެރޭ ނިންމާނަން: ރައީސް

ފޮޓޯ: ރައީސް

އަލިފުށި ހޮސްޕިޓަލާއި އެއާޕޯޓްގެ މަސައްކަތް މި ދައުރު ތެރޭ ނިންމާނަން: ރައީސް

SHARE

މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނިންމައި، އެ ތަންތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ސަރަހައްދީ ތަރައްޤީގެ ސިޔާސަތުގައި އަލިފުއްޓަކީ ވަރަށް މުހިންމު (ސްޓްރެޓީޖިކް) ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިވަގުތު މި މަޝްރޫޢުތައް އެންމެ އެދެވޭ ދުވެލީގައި ކުރިއަށް ނުދިޔަ ނަމަވެސް، އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީއަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖައްސައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާ ލަސްތަކެއް ނުވެ، އެމްޓީސީސީގެ ފަރާތުން، އެ ޕްރޮޖެކްޓުގެ މަސައްކަތް، ތަކެތި ހޯދައިގެން އަރުވާފައި އަވަހަށް ފައްޓާނެ، މި ދެ މަޝްރޫއު މި ދައުރު ތެރޭގައި ނިންމާފައި ހުޅުވާނަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ނިންމުމަށްޓަކައި ޚާއްސަ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ. މި ތާވަލުގެ ދަށުން ބައެއް މަޝްރޫޢުތައް އަންނަ އަހަރުގެ އެކި މަރުހަލާތަކުގައި ނިމޭނެ ކަމަށާއި، އަދި 50 އެނދުގެ ހޮސްޕިޓަލް ފަދަ ބޮޑެތި މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.