MTCC

ފުލުހުނަށް އައު ހެޑްކުއާޓަރަކާއި ގިނަ ވަސީލަތްތަކެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން

463591_301701e2-4_

ފުލުހުނަށް އައު ހެޑްކުއާޓަރަކާއި ގިނަ ވަސީލަތްތަކެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން

SHARE

ފުލުހުންގެ މުއައްސަސާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ އާ ހެޑްކުއާޓަރެއް ބިނާކުރުމަށް ބޭނުންވާ ހުރިހާ ކަންކަމެއް ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވަމުން ރައީސް ފާހަގަކުރެއްވިގޮތުގައި ފުލުހުންގެ މައި ހެޑްކުއާޓާ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް އެބައޮތެވެ. ރައީސް ވިދާޅުވީ، މިހާރު ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަކީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށްވާތީ މާލޭގައި ޒަމާނަށް ފެތޭ، ޖާގައާއި ވަސީލަތުގެ ގޮތުން ތަނަވަސް އެންމެ ރަނގަޅު ފެންވަރުގެ ހެޑްކުއާޓަރެއް އެޅުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ރާވާފައިވާ އިތުރު މަޝްރޫއުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތެއް އެޅުމުގެ މަސައްކަތް ފަހިކޮށްދެއްވާނެ ކަމަށާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖާގަ ބޮޑު މަރުކަޒެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވިއެވެ.

"އުމްރާނީ ތަރައްގީގެ ތެރެއިން އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތް އެޅުމަށްޓަކައި އޮތް ބިމުގައި އަޅަންޖެހޭ އިމާރާތް އެޅުމަށްޓަކައި ފަހިކޮށްދޭންޖެހޭ ހުރިހާ ކަންކަން ހަމަޖެހިގެންދާނެ، ހަމައެއާއެކީގައި މުޅި ރާއްޖޭގައި މި މަރުކަޒުތައް އަޅަމުންދާއިރު، މި ސަރހައްދުގައި ގްރޭޓާ މާލެ ސަރަހައްދުގައި އަދި އެކަށީގެންވާ ވަރަށް ނެތް ފުލުހުންގެ ހިދުމަތް ގާއިމުކޮށްދެވިފައެއް. އެހެންވީމާ މި ދެންނެވި އިމާރާތުގެ އިތުރުން ހުޅުމާލޭގައި ހާއްސަކޮށް ދެވަނަ ފުޔަވަހީގައި އެކަށީގެންވާ ޖާގަބޮޑު މަރުކަޒެއް އަޅައިދިނުން، މި ސަރުކާރުން މިއަންނަ އަހަރު ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދަން ކަނޑައަޅާފައި އޮންނާނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްދާ ފުލުހުންގެ މަރުކަޒުތަކުގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް އަޅައި ނިންމުން ކަމަށެވެ. އަދި ދ. ވާނީގައި ހުރި ތަމްރީނު މަރުކަޒަކީ ދާއިމީ ގޮތެއްގައި ވަރުގަދަ ވަސީލަތްތަކެއް ހުރި ތަނަކަށް ހައްދަވައިދެއްވާނެ ކަމަށާއި، އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ މަރުކަޒުވެސް ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މި ޖަލްސާގައި ފުލުހުންގެ ޚިދުމަތަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދިން މުވައްޒަފުންނަށާއި، ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިން އާންމު ފަރާތްތަކާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް އެވޯޑާއި ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ހާސިލުކުރި ފުލުހުންނަށް އެ އިނާމުތައް ހަވާލުކުރުމުގެ އިތުރުން، 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނާއި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ ފިލާ އަރުވާފައިވެއެވެ.