ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުރައްކާތެރި އާދަޔާ ދުރުހެލިވެ، އަމިއްލަ ނަފުސާއި މުޖުތަމަޢު އެ ވަބާއިން ސަލާމަތްކުރުމަށްޓަކައި އާ އަޒުމަކާއެކު ޤައުމީ ޖިހާދެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މުލަކު އަތޮޅު މުލަކު ސްކޫލް ހޯލުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، މިއަދު މި ފެށުނީ ދުންފަތާ ދުރުހެލިވުމަށްޓަކައި ހިންގޭ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް ކަމަށާއި، މިއީ ހެޔޮ ނަތީޖާއެއް ފެންނާނެ ކެމްޕޭނެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ އަދި އިޖުތިމާޢީ މައްސަލަތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ހުރިހާ ދިވެހި ރައްޔިތުން އަތުގުޅާލައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހާއްސަގޮތެއްގައި، ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކާއި، ވިޔަފާރިވެރިން މި ކަމުގައި އިސްނަގައި، ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ނަމުގައި އޮތް ބައި ކުރިއަށް ގެންގޮސްދޭނަމެވެ.
މި ރަސްމިއްޔާތުގެ ތެރެއިން "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ނަމުގައި ކުރިއަށްގެންދާ ފަސް އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނުގެ ލޯގޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން، ދުންފަތާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކޮށްފައިވާ ލައިވް ކެންވަސްގައި ކުލަޖެއްސެވުމާއި، ދުންފަތަށް ނޫނެކޭ ބުނުމަށް ގޮވާލާ ޕްލެޖް ބޯޑުގައި އެކަމަނާ ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް ދޭ "ހެލްތު މިނިސްޓަރޒް އެވޯޑް ފޮރ ޓޮބޭކޯ ކޮންޓްރޯލް އެކްސަލަންސް" ލިބުނު ފަރާތްތައް ވެސް ވަނީ އިޢުލާންކޮށްފައެވެ. ރަސްމިއްޔާތަށްފަހު، މުލަކު ސްކޫލްގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކާއި ހޭލުންތެރިކަމުގެ ސްޓޯލްތައް އެކަމަނާ ބައްލަވާލެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ރައީސް މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މ. މުލަކުގައި އަލަށް ތަރައްޤީކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ވެސް އެކަމަނާ ވަނީ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާއި، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.