ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ނުގެނޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަން ސަރުކާރުން ސާބިތުކޮށްކޮށްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމަކީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ މުހިންމު ވައުދެއް ކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިސްވެރިން އެއީ ނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ކުރި ހަރުދަނާ މަސައްކަތުން އެކަން ކާމިޔާބުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޕޭޕަލް ރާއްޖެއަކަށް ނުގެނެވޭނެއޭ. ބްރިޖްވެސް ނޭޅޭނެއޭ ބުނި ޒަމާނެއް ދިޔަ އަޅުގަނޑު ހައިރާނެއް ނުވޭ އެކަހަލަ ކަންކަމަކަށް. ސަރުކާރުން ފަހިކޮށްދޭންޖެހޭ އެތައްކަމެއް ހުންނާނެ ބޮޑެތި ކުންފުނިތަކުން ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ގާއިމްވާން ބޭނުންވަންޏާ އެމީހުންގެ ސްޓޭންޑާޑްއާއި އެއްގޮތައް ކަންތައް ކުރަންޏާ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕޭޕަލް ފަދަ ބޮޑެތި ބައިނަލްއަގުވާމީ ކުންފުނިތަކާ ސީދާ ސަރުކާރުން މުއާމަލާތްކޮށް، އެފަރާތްތަކުގެ މިންގަނޑުތަކަށް ކަންކަން ފަހިކޮށްދިނުމަކީ ކުރީގެ ސަރުކާރުތަކުން އިސްކަންދީފައިވާ ކަމެއް ނޫން ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. މި ހިދުމަތް މިހާރު ދިވެހިންނަށް ލިބެމުންދަނީ އުރީދޫ އެމްފައިސާ މެދުވެރިކޮށެވެ. ރައީސް ވިދާޅުވި ގޮތުގައި، ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ އިހްތިޔާރު ކުރުމާއެކު، ސަރުކާރާއި އުރީދޫ ގުޅިގެން ކުރި މަސައްކަތަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމަނިކުފާނުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިޤްތިޞާދުގެ 15 އިންސައްތައަކީ ޑިޖިޓަލް އިކޮނޮމީގެ ހިއްސާކަމުގައި ހެދުމެވެ.
"މިއީ ފެށުމެއް. މިއާއިއެކީގައި އަޅުގަނޑުމެން އިތުރު ހިދުމަތްތައް ގެނައުމާއި އަދި ޕޭޕަލް ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށްއޮތީ،" ރައީސް ވިދާޅުވިއެވެ.
މި އައު ބަދަލާއެކު ޒުވާނުންނަށާއި، ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބި، ރާއްޖޭގެ ޑިޖިޓަލައިޒޭޝަން އައު ހިސާބަކަށް ދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.