MTCC

އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރައްވައިފި

big_AIhb110MJDHHyROZ3yczpRNUZ

އީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރައްވައިފި

SHARE

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި، ޝަކީލް ވަނީ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. ހުވާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަކީލަށް މެންބަރުކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ހުސްވީ، އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ފުއާދު ތައުފީޤުގެ ދައުރު ހަމަވުމާއި، ކުރިން މެންބަރުކަމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި މަޤާމަށް ޝަކީލް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހުން ވަނީ އޭނާއަށް ރުހުން ދީފައެވެ.

މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން އެ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، އޭނާގެ އަމާޒަކީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، މަޝްވަރާގެ އުޞޫލުން ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންނަކީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދުގެ އިތުރުން ހަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް، އަދި ރިފްޢަތު ޢަބްދުﷲ އެވެ. ޝަކީލް އައްޔަންކުރެއްވުމާއެކު ކޮމިޝަނުގެ މެންބަރުންގެ ޢަދަދު ހަމަވީ ނަމަވެސް، ކޮމިޝަނުގެ ރައީސްގެ މަޤާމު އަދި އޮތީ ހުސްކޮށެވެ. ކޮމިޝަނުގެ ރައީސަކު އައްޔަންކުރާނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން، މަޖިލީހުގެ ރުހުމާއެކުގައެވެ.