MTCC

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަނީ ވޭޕް ބޭނުންކުރި މީހުން ދުންފަތަށް ހިޖުރަ ނުކުރާތީ: ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަނީ ވޭޕް ބޭނުންކުރި މީހުން ދުންފަތަށް ހިޖުރަ ނުކުރާތީ: ފަލާހު

SHARE

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށްފަހު، އަލުން އެ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމީ ވޭޕް މަނާކުރުމާ ގުޅިގެން ވޭޕް ބޭނުންކުރި ފަރާތްތަކުން ސިނގިރޭޓަށް ހިޖުރަކޮށްފައި ނުވާކަން ދިރާސާތަކުން ކަށަވަރުވާތީ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ މި ބަދަލު ގެންނަން ޖެހުނު ސަބަބު ތަފްސީލުކޮށްދެއްވާފައެވެ.

މެންބަރުން ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރު ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 3 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށް، އެޑްވެލޮރަމް ރޭޓް 25 އިން 50 އިންސައްތައަށް މަތިކުރީ ވޭޕް މަނާކުރުމުގެ ސަބަބުން ވޭޕް ބޭނުންކުރާ މީހުން ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި އެކަން ހުއްޓުވުމަށެވެ. ނަމަވެސް، ފަހުން ހެދި ދިރާސާތަކުން ދައްކާގޮތުގައި ވޭޕް މަނާކުރި ނަމަވެސް، އެ ތަކެތި ބޭނުންކުރި މީހުން އަލުން ސިނގިރޭޓު އިޚްތިޔާރުކޮށްފައެއް ނުވެއެވެ.

"ދިރާސާތަކުން ކަށަވަރުވަނީ ވޭޕް ބޭނުންކުރި ފަރާތްތަކުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހިޖުރަ ނުކުރާކަން. އެހެންކަމުން 'ޖެނެރޭޝަން ބޭން' ނުވަތަ ވަކި އަހަރަކުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުވަމުންދާތީ، ސިނގިރޭޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމެވީ،" ފަލާހު ވިދާޅުވިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށާއި، އެޑްވެލޮރަމް ރޭޓް 50 ޕަސެންޓުން 30 ޕަސެންޓަށް ދަށްކުރުމަށެވެ. މި އިސްލާހާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުގެ ސިޔާސަތުތަކުގައި ސާބިތުކަމެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ މީގެ ކުރިން ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ "ޖެނެރޭޝަން ބޭން" ސިޔާސަތުވެސް ވަނީ ތައާރަފުކޮށްފައެވެ.