MTCC

އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ހިންގާނެ 19 ބޮޑު މަޝްރޫއެއް ކަނޑައަޅައިފި

ފޮޓޯ: ރައީސް

އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ހިންގާނެ 19 ބޮޑު މަޝްރޫއެއް ކަނޑައަޅައިފި

SHARE

ދައުލަތުގެ އާންމު މަންފާއަށްޓަކައި ސަރުކާރުން އިސްކަންދޭ 19 މުހިންމު މަޝްރޫއެއް ކަނޑައަޅުއްވައި، އެ މަޝްރޫއުތަކަށް އިންވެސްޓް ކުރަންޖެހޭނެ އެންމެ މަދު އަދަދުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުތަކަށެވެ. އެގޮތުން ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ރޭވިފައިވާ މަޝްރޫއުތަކަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާނެ ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.

ދިފާއީ އަދި އިޖުތިމާއީ އިސްލާހީ މަޝްރޫއުތައް:

ކ. ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ތަރައްގީކުރުމަށް މި ގަރާރުގައި ބޮޑު އިސްކަމެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • "އުންމީދު/ހޯޕް އައިލެންޑް" ގާއިމުކުރުމަށް 15 ހެކްޓަރުގެ ބިން ހިއްކުމާއި އެތަން ތަރައްގީކުރުން (ޖުމްލަ 25 މިލިއަން ޑޮލަރު).
  • "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުމާއި އިމާރާތްކުރުން (ޖުމްލަ 30 މިލިއަން ޑޮލަރު).

އުމްރާނީ ތަރައްގީއާއި ބޯހިޔާވަހިކަން:

ބިނާރާއި ގެދޮރުވެރިކަމުގެ ދާއިރާއިން ބިން ހިއްކުމުގެ މަޝްރޫއުތަކާއި، ސޯޝަލް ހައުސިން އަދި ދެރަށް ގުޅުވައިލާ ކޯޒްވޭތަކަށް 4 މިލިއަނާއި 5 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓްތައް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ޒުވާނުންގެ ދާއިރާއިން 20 މިލިއަން ޑޮލަރުގެ ހައިޕަފޯމަންސް ސެންޓަރެއް ގާއިމުކުރުންވެސް ލިސްޓުގައި ހިމެނެއެވެ.

ފަތުރުވެރިކަމާއި ދަތުރުފަތުރު:

އަތޮޅުތަކުގައި ނޭޗާ ޕާކުތަކާއި ހެރިޓޭޖް ޓޫރިޒަމް ކުރިއަށްގެންދިއުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާޕޯޓްތައް ތަރައްގީކޮށް އަޕްގްރޭޑްކުރުމަށް 5 މިލިއަނާއި 7 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ވަނީ ކަނޑައަޅާފައެވެ.

މި ހުރިހާ މަޝްރޫއުތަކަކީވެސް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތައް ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައިވާ މުހިންމު މަސައްކަތްތަކެކެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކާއި އިންވެސްޓްމަންޓްގެ އަދަދުތައް ކޮންމެ އަހަރަކު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ.