ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ބަދަލު ގެނެސް، ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މިހާރު ވަނީ ތާވަލުކޮށްފައެވެ.
މި އިސްލާހު ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ހަމަޖެއްސުމާއި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ މިންވަރު 30 އިންސައްތައަށް ބަދަލުކުރުމެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ އިސްތިސްނާކުރުން ވެސް މި އިސްލާހުގައި ހިމެނެއެވެ.
މި އިސްލާހުގައިވާ ގޮތުން، ބިޑިއާއި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން 3.30 ރުފިޔާގައި ހުރި ސިނގިރޭޓް ޑިއުޓީ، 2024 ނޮވެމްބަރު މަހު ސަރުކާރުން ވަނީ 8 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް، މިހާރު ގެންނަން އުޅޭ ބަދަލަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފައިވާ ލަފަޔާ އެއްގޮތަށް ގެންނަ ބަދަލެއް ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.
މި ބަދަލާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަޝްވަރާ ފަށާފައިވާކަން މިދިޔަ މޭ މަހު ވަނީ އިއުލާނުކޮށްފައެވެ.