މާލޭގެ މާރުކޭޓްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މާލެ ވެޓް މާކެޓް" މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބިން ހަވާލުކުކުރުމަށް ސިޓީ ކައުންސިލަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫޢާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި މަޝްރޫޢު ކުރިއަށް ނުގެންދެވި ލަސްވަނީ ކައުންސިލުގެ އިހުމާލުންނާއި، ބިން ހަވާލުނުކޮށްގެން ކަމަށް މިނިސްޓްރީން ތަފްސީލުކޮށްދީފައިވެއެވެ.
ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން "ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ" ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި، ބިން ހަވާލުކޮށްދިނުމަށް އެދި ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލަށް ހުށައަޅާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެޕްރީލް 12، މެއި 3 އަދި މެއި 18 ގައި ވެސް މިނިސްޓްރީން ވަނީ ބިން ހަވާލުކުރުމަށް އެދި ރަސްމީ ސިޓީތައް ފޮނުވާފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ކައުންސިލުން އެ ބިން ހަވާލުކޮށްފައި ނުވާކަމަށް މިނިސްޓްރީން ބުނެއެވެ.
0
މާލެ ސިޓީ ކައުންސިލުން ބިން ހަވާލުކުރެވެން ނެތް ކަމަށް އަންގާފައިވަނީ، 2023 ވަނަ އަހަރުގެ މާރޗް 9 ގައި "ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ" އާއެކު ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ކަމަށް ބުނެއެވެ. އެހެންނަމަވެސް، ހައުސިންގ މިނިސްޓްރީން ފާހަގަކުރި ގޮތުގައި އެ އެއްބަސްވުން ބާތިލުކުރުމަށް އެ ކުންފުނިން އެއްބަސްވެ، ކައުންސިލަށް ސިޓީވެސް ވަނީ ފޮނުވާފައެވެ. އެހެންކަމުން، އެއްބަސްވުން އުވާލުމުގެ ފުރުސަތު އޮވެމެ، ކައުންސިލުން އެ މަސައްކަތް ނުކޮށް އޮތުމަކީ މަޝްރޫޢު ގަސްތުގައި ލަސްކުރުން ކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މިއީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢެއް ކަމަށާއި، ކައުންސިލުން މިކަމުގައި ސިޔާސީ މަސްލަހަތު އިސްކުރަމުންދާ ކަމަށެވެ. ޖުމްލަ 600 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މި މަޝްރޫޢު ލަސްވާ ކޮންމެ ދުވަހަކީ އޭގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވާނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރު މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް، ބިން ހުސްކޮށް ހަވާލުކޮށްފައި ނުވާތީ އަމަލީ މަސައްކަތް ފެށޭނެ ގޮތެއް މިހާރު ނެތް ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ އިން ވަނީ ހާމަކޮށްފައެވެ.