އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ "ގަން މިސްކިތް ކޮމްޕްލެކްސް" ގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫއަކީ ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މުހައްމަދު ސާލިހުގެ ދީލަތި އެހީގައި ކުރިއަށްގެންދާ ވަޤްފު މަޝްރޫއެކެވެ. މި ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، މުހައްމަދު ސާލިހުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ދެ ފަންގިފިލާއަށް ބިނާކުރާ މި ކޮމްޕްލެކްސް ފަރުމާކޮށްފައިވަނީ އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައާއެކުގައެވެ. ނަމާދުކުރާ ސަރަހައްދުގެ އިތުރުން، މި ބިނާގައި މަލްޓި ޕާޕަސް ހޯލަކާއި ލައިބްރަރީއެއްވެސް ހިމެނޭނެއެވެ. މިއީ އެއާޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދީނީ އަދި އިޖުތިމާއީ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން މުހައްމަދު ސާލިހާއި، އޭނާގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މުހައްމަދު ސާލިހުގެ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ސާލިހުގެ އަމިއްލަ ގޯތީގައި މާތްﷲ އަށް ވަގުފުކޮށް މިސްކިތެއް ބިނާކުރެއްވިކަމީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ނަމޫނާއެއް ކަމަށެވެ.
މުހައްމަދު ސާލިހަކީ މީގެ ކުރިންވެސް އައްޑޫ ސިޓީގައި ދީނީ ބިނާތައް ބިނާކުރުމަށް ބޮޑެތި އެހީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، އައްޑޫ ހުޅުދޫގައި ހުންނަ އެމަނިކުފާނުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކޮށް، އެތަނުގައި މިސްކިތެއް ބިނާކޮށްދެއްވާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.