MTCC

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

722181735_1050066290693895_9099730273445770156_n

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކޮށްފި

SHARE

ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އާ އުންމީދުތަކެއް ގެނެސްދެމުން، ދުނިޔޭގެ އެންމެ މަޤްބޫލު އެއް އޮންލައިން ޕޭމަންޓް ސިސްޓަމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

މި ތާރީހީ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ މިހާރު ބާސެލޯގައި ކުރިއަށްދާ ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ރާއްޖޭގައި މި ޚިދުމަތް ދޭން ފަށާފައިވަނީ ޕޭޕަލް އާއި އުރީދޫ މޯލްޑިވްސްއާ ދެމެދު ޤާއިމުކުރެވުނު ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން، އުރީދޫ 'އެމް-ފައިސާ' މެދުވެރިކޮށެވެ. މިއީ ދިވެހި ސަރުކާރާއި ޕޭޕަލްއާ ދެމެދު ކުރެވުނު ގިނަގުނަ މަޝްވަރާތަކަކަށްފަހު ވާޞިލްވެވުނު މުހިއްމު ކާމިޔާބީއެކެވެ.

މިއަދު ހެނދުނު ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، ޕޭޕަލްގެ އޭޝިއާ-ޕެސިފިކް ޑިވިޜަންގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ އާމިރު ވަލިއާނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ މިސްޓަރ ޝާދީ ޤަވާޞްމީ އާއި އުރީދޫ ގްރޫޕްގެ އިސްވެރިންގެ އިތުރުން ދިވެހި ވިޔަފާރިވެރިންނާއި ފްރީލާންސަރުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ލިބިގެންދިއުމަކީ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި މުހިއްމު ވައުދުފުޅެއް ފުދިގެންދިޔުން ކަމަށެވެ. މިއީ ސަރުކާރުގެ ޑިޖިޓަލް ތަސައްވުރު "މޯލްޑިވްސް 2.0″ އާއި "ވިޝަން 2040″ އަށް ވާސިލްވުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނާއި ފްރީލާންސަރުންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކާ ސީދާ ގުޅި، ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވީ، މިއީ ރައީސް މުއިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިންނަށް ކުރިމަތިވެފައި އޮތް ބޮޑު ހުރަހެއް ނައްތާލުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ރާއްޖޭގެ މާކެޓް ކުޑަވި ނަމަވެސް، ހަރުދަނާ ލީޑަރޝިޕެއްގެ ދަށުން މަސައްކަތް ކުރުމުން ބޮޑެތި ކާމިޔާބީތައް ހޯދޭނެކަން މިއަދު ސާބިތުވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމާއެކު، ރާއްޖޭގެ އީ-ކޮމާސް ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބި، ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެއެވެ. ރާއްޖެއިން މިކަމުގައި ބޭނުންކުރި ޚާއްޞަ ޕާޓްނަރޝިޕް މޮޑެލްގެ ސަބަބުން، ސަރަޙައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިގްތިސާދުތަކުގެ ސަފަށް ރާއްޖެ މިވަނީ އަރާފައެވެ.