ކަނޑުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން މިހާރަށްވުރެ ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ މުސްތަގުބަލު ބިނާވެފައިވަނީ ކަނޑުތަކުގެ ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ކަނޑުތަކަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީ ރާއްޖޭގެ އިގްތިސާދާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގޮތުން ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ކަނޑުތަކުގެ ހިމާޔަތަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދުރުވިސްނޭ ސިޔާސަތުތަކެއްގެ ދަށުން ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ފުޅާކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާ ކަމަށެވެ. މީގެ އިތުރުން މުރަކަ އާލާކޮށް އިޔާދަކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކަނޑުތައް ހޫނުވުމާއި މުރަކަ ހުދުވުމާއި ރަށްގިރުމުގެ ހާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާކަން ރައީސް ފާހަގަކުރެއްވެވިއެވެ. އަދި ވިދާޅުވީ ބައިނަލްއަގްވަމީ މުޖުތަމައިން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށެވެ. ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާ ކުރުމަށް ރައީސް ގޮވާލައްވާފައިވެއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކަނޑުތަކުގެ ދުވަސް ކަމަށްވާއިރު، މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރީ އިމޭޖިން: ބިއޯންޑް ދަ ވޯލްޑް ވީ ނޯ، އަ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން" އެވެ. މި ޝިއާރާ އެއްގޮތަށް ކަނޑުތަކާ މެދު އޮންނަ ގުޅުން އައުކޮށް، އަންނާން އޮތް ޖީލުތަކަށްޓަކައި ކަނޑުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް އައުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ދިރިއުޅުމުގެ ބޮޑުބައެއް ކަނޑުތަކަށް ބަރޯސާވެފައިވާއިރު، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުން މިހާރު ވަނީ އިންތިހާއަށް ބޭނުންވެފައެވެ.