މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ މަގާމަށް، ހަސަން ޒަރީރު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޢައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ޒަރީރަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް ޢައްޔަންކުރެއްވި ޙަސަން ޒަރީރަކީ މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައި، ރާއްޖެއާއި ރާއްޖޭން ބޭރުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް އަދި ބެޗްލަރ އޮފް އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އަދި އޮސްޓްރޭލިއާގެ ސީ.ޕީ.އޭ މެންބަރެކެވެ.
މި މަގާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޒަރީރު ހުންނެވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ. މީގެ އިތުރުން އޭނާ ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި:
- ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޗެއަރޕާސަންކަން.
- މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންކަން (9 އަހަރު).
- ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްކަން.
- ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ގްރޫޕް ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމު.
- އޯ.އީ.ސީ.ޑީ ގެ ގްލޯބަލް ފޯރަމް އޮން ޓެކްސް ޓްރާންސްޕޭރަންސީގެ އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއަރކަން ވަނީ ކުރައްވާފައެވެ.
މީގެ އިތުރުން އެސްޓީއޯ، ސްޓެލްކޯ، އެމް.ޓީ.ޑީ.ސީ އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް ޒަރީރު ވަނީ ކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު މި ޢައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު، ސިއްހީ ހާލުކޮޅު ހުރިގޮތުން މަގާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.