އާންމު ރައްޔިތުންނާއި ވިޔަފާރި ބޭނުންތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ވިއްކާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ބީއެމްއެލް އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ރާއްޖެއިން ބޭރުގައި ކުރާ ކާޑުގެ މުޢާމަލާތްތަކުގެ އިތުރުން، ވިޔަފާރިތަކުން މުދާ ގެނައުމަށް ބޭންކުން ދޫކުރާ ޑޮލަރުގެ އަދަދު ވަނީ މި އަހަރުގެ މިހާތަނަށް ފާހަގަކޮށްލެވޭ މިންވަރަކަށް މަތިވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑު މުޢާމަލާތްތަކަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ޖުމްލަ 345 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މަހަކަށް އެވަރެޖްކޮށް 69 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު މި ދާއިރާއިން މަހަކަށް އެވަރެޖްކޮށް ވިއްކާފައިވަނީ 47 މިލިއަން ޑޮލަރެވެ.
ވިޔަފާރިތަކުން ރާއްޖެއިން ބޭރުން މުދާ ގެނައުމަށް (ޓީޓީ ހެދުމަށް) ދޫކުރި ޑޮލަރުގެ މިންވަރުވެސް ވަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މަހަކަށް އެވަރެޖްކޮށް 29 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު މި އަދަދު ހުރީ މަހަކަށް 15 މިލިއަން ޑޮލަރުގައެވެ. ހިސާބުތަކުން ދައްކާގޮތުގައި މޭ މަހުގެ ނިޔަލަށް ޖުމްލަ 45,764 ޓީޓީއަކަށް ބޭންކުން ވަނީ ބޭރު ފައިސާ ފޯރުކޮށްދީފައެވެ.
ކާޑު މުޢާމަލާތްތަކަށް ބަލާއިރު، ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ކުރާ މުޢާމަލާތްތަކަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް މަހަކު އެވަރެޖްކޮށް 40 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެވަރެޖް ކަމަށްވާ 33 މިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ބޭންކުން ބުނިގޮތުގައި މި އަހަރުގެ މޭ މަހުގެ ނިޔަލަށް ކާޑުން ހިންގި 3.1 މިލިއަން ޓްރާންސެކްޝަނަކަށް ބޭރުފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މި ތަފާސްހިސާބުތައް އާންމުކޮށްފައި މިވަނީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ހުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ބޭންކުން އިގްތިސާދަށް ފޯރުކޮށްދޭ ބޭރު ފައިސާގެ މިންވަރު ސާފުކޮށްދިނުމުގެ ގޮތުންނެވެ.