MTCC

ޑިޖިޓަލް ދުނިޔޭގެ ނުރައްކާތަކުން ކުދިން ސަލާމަތްކޮށް އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަށް މެޑަމް ގޮވާލައްވައިފި

މެޑަމް ސާޖިދާ -- ފޮޓޯ:އިޖްތިމާއީ ވުޒާރާ

ޑިޖިޓަލް ދުނިޔޭގެ ނުރައްކާތަކުން ކުދިން ސަލާމަތްކޮށް އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަށް މެޑަމް ގޮވާލައްވައިފި

SHARE

ހަލުވިކަމާއެކު ބަދަލުވަމުންދާ ޑިޖިޓަލް ދުނިޔޭގައި ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އިސްނަގައިގެން މަސައްކަތް ކުރުމަށާއި، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހަނުނުތިބެ އަޑުއުފުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

މެޑަމް ސާޖިދާ މިކަމަށް ގޮވާލެއްވީ، މޭ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭއްވި "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޑިޖިޓަލް ދުނިޔެއަކީ އުނގެނުމާއި އައު އީޖާދުތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވައިދޭ ތަނެއް ނަމަވެސް، އެކަށީގެންވާ ބެލެނިވެރިކަމެއް ނެތި އެ ވަސީލަތްތައް ބޭނުންކުރުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދިރިއުޅުމުގައި ދުވަހަކުވެސް ފޮހެނުލެވޭނެ ފަދަ ލަކުނުތަކެއް ޖެހިދާނެ ކަމެއް ކަމަށެވެ. އެގޮތުން، ބެލެނިވެރިންނާއި މުދައްރިސުން ކުދިންނާއެކު އައު ކަންކަން އުނގެނި، ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ކުދިންނަށް މަގުދައްކައިދޭންޖެހޭނީ އެކުދިންގެ މައުސޫމްކަމާއި ސަލާމަތަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މިއީ ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫން. އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން. އެގޮތުން ކުދިންނާ ވާހަކަދައްކާ ގޮތާއި، އެކުދިންގެ އަޑުއަހާ ގޮތާއި، އަދި އެކުދިންނަށް ދައްކާ ނަމޫނާއަކީ ވަރަށްވެސް މުހިންމު ކަމެއް." މެޑަމް ވިދާޅުވިއެވެ.

ކުޑަކުދިން އިންޓަނެޓް ބޭނުންކުރުމުގައި "ހެލްތީ ބައުންޑަރީސް" ނުވަތަ އިންތަކެއް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މެޑަމް ވިދާޅުވީ، 16 އަހަރުން ދަށުގެ ކުދިން މީސްމީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަކީ ކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރުގެ "ނޭޝަނަލް އެކްޝަން ޕްލޭން 2024-2028″ ގެ ދަށުން އޮންލައިންކޮށް ކުދިންނަށް ކުރިމަތިވާ އަނިޔާތަކުން ސަލާމަތްކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އެންމެ މުހިންމީ، އެކުދިންގެ އަޑުއަހައި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ހިތްވަރު ހުރި މީހަކު ހުރުން. އެންމެ މުހިންމު ކަމަކީ ކުއްޖެއްގެ ސަލާމަތާއި ކަރާމާތަށް ނުރައްކަލެއް އޮތް ހާލަތެއްގައި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިހްތިޔާރު ކުރުން." މެޑަމް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގިނަ ފަހަރަށް އަނިޔާއާއި އިހުމާލުގެ މައްސަލަތައް ހިނގަނީ ހިމޭންކަމުގެ ތެރޭގައި ކަމަށެވެ. އަދި އަނިޔާ ލިބޭ ކުދިން ބިރުން ނުވަތަ ލަދުން ހަނު ތިބޭއިރު، އެކަންކަން ދެނެގަނެ އެކުދިންގެ ހައްގުގައި އަޑުއުފުލާނެ ހިތްވަރު ހުރި މީހަކު ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އެންމެ މުހިންމު ކަމަކީ ކުއްޖެއްގެ ސަލާމަތާއި ކަރާމާތަށް ނުރައްކަލެއް އޮތް ހާލަތެއްގައި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިހްތިޔާރު ކުރުން،" މެޑަމް ވިދާޅުވިއެވެ.

މީގެ އިތުރުން، 1412 ޗައިލްޑް ހެލްޕްލައިން ފަދަ ވަސީލަތްތަކުގެ ބޭނުން ހިފައި، ކުދިންނަށް އަމާންވެށިއެއް ގާއިމުކޮށްދިނުމަށް އެންމެހާ މުއައްސަސާތަކާއި އާންމު ފަރުދުން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި، އެކުދިންގެ ވާހަކަތައް އަޑުއެހުމާއި އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް ކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ.