ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިންގ 'ސީސީ' އިން 'ސީސީސީ-' އަށް މަތިކޮށްފިއެވެ.
އިއްޔެ އާންމުކުރި ފިޗްގެ އެންމެ ފަހުގެ ރިޕޯޓުގައި ރާއްޖޭގެ ރޭޓިން މަތިކުރުމަށް ނިންމި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މިއަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖޭގެ ސަރުކާރުން ކާމިޔާބުކަމާއެކު ދައްކާފައިވުމެވެ. މީގެ ސަބަބުން ރާއްޖެއިން ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުރިއަށްވުރެ ކުޑަވެފައިވާ ކަމަށް އެ އެޖެންސީން ދެކެއެވެ.
ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ދަށުން، ބޭރުގެ ދަރަނިތައް ބެލެހެއްޓުމަށް އެޅި ފިޔަވަޅުތަކަށް ފިޗުން ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި އަލަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން އިގްތިސާދީ ރައްކާތެރިކަން އިތުރުވެފައިވާކަން އެ އެޖެންސީން ފާހަގަކުރެއެވެ.
ފިޗުން ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދިއުމަކީ، ރާއްޖޭގެ މާލީ ދަތިކަން ހައްލުވެ، ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަމެކެވެ.
މިކަމާ ގުޅިގެން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް ރާއްޖޭގެ މާލީ ހާލަތު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ ރިޒާވް އަލުން ބިނާކުރުމުގެ މަގު ފަހިވަމުންދާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ފިޗުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމަކީ މާލީ ދަތިކަން ހައްލުކުރުމަށް ލިބޭނެ ބޮޑު ލުޔެކެވެ. މި ސަރުކާރުން ވަނީ ގައުމުގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ގާއިމުކޮށް، ބޭރުގެ އިގްތިސާދީ ލޮޅުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.