MTCC

ހައްޖުވެރިން އަންނާތީ އެއާޕޯޓަށް ދާން އާންމު ދަތުރުފަތުރު ބޭނުންކުރަން އިލްތިމާސްކޮށްފި

ދިވެހި ހައްޖުވެރީންގެ ބަޔަކު އެއާޕޯޓް ގައި ނަމާދު ކުރަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިން އަންނާތީ އެއާޕޯޓަށް ދާން އާންމު ދަތުރުފަތުރު ބޭނުންކުރަން އިލްތިމާސްކޮށްފި

SHARE

މިއަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބާރުބޮޑުވެދާނެތީވެ، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، އަންނަ ހުކުރު ދުވަހުން ފެށިގެން ހައްޖުވެރިން އެނބުރި އަންނަ އިރު، އެމީހުންނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ޖަމާވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ސަބަބުން އެއާޕޯޓުގެ ޓްރެފިކަށާއި ޕާކިންއަށް ވަރަށް ބޮޑަށް ބާރު ބޮޑުވާނެތީ، އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި އެއާޕޯޓް ބަހާއި ފެރީގެ ހިދުމަތް ބޭނުންކުރުމަށް އެ ކުންފުނިން ބާރު އަޅައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1،019 ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެން، މޯލްޑިވިއަން އާއި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން:

  • ހުކުރު ދުވަހު ސައުދީ އެއާލައިން – މެންދުރުފަހު 14:00 ގައި.
  • އާދީއްތަ ދުވަހު މޯލްޑިވިއަން – ހަވީރު 17:40 ގައި.
  • ހޯމަ ދުވަހު ސައުދީ އެއާލައިން – މެންދުރުފަހު 14:00 ގައި.
  • އަންގާރަ ދުވަހު މޯލްޑިވިއަން – ދަންވަރު ފަހު 00:01 ގައި.

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންނަކީ ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ފަރާތްތަކެވެ.

އެއާޕޯޓަށް ބާރުބޮޑުވާނެ ވަގުތުތަކުގައި، ދަތުރުވެރިންނާއި ހައްޖުވެރިން ބަލާދާ ފަރާތްތަކުން ގަޑިއަށް ސަމާލުކަން ދިނުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެމްއޭސީއެލް އިން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.