MTCC

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ފުލުހުން މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި---ފޮޓޯ: ފުލުހުން

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރެއްގެ އަތުންނެވެ.

މި މީހާގެ އަމަލުތައް ހުރިގޮތުން ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުކުރެވިގެން، އޭނާގެ ފޮށިތަންމަތި ބަލައި ފާސްކުރިއިރު، ފޮށީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކަސްޓަމްސްއިން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތުލައިގަނެވުނު މި ތަކެއްޗާއި، އެތަކެތި އެތެރެކުރި މީހާ މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ.

މި ފަހަކަށް އައިސް ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަތައް އިތުރުވަމުންދާތީ، ކަސްޓަމްސްއިން ދަނީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރަމުންނެވެ.