ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް، މި މަހުގެ ފަހުކޮޅު އެދެވޭ ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްގެ ޑޮލަރު ލިމިޓާ ގުޅިގެން ރައީސް އޮފީހުން ބޭންކާ މަޝްވަރާކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި ބޭންކަށް ދިމާވެފައިވާ ދަތިތަކާއެކުވެސް، މި މަސް ނިމޭ ހިސާބުގައި ޑޮލަރުގެ ލިމިޓް ވަރަށް ބޮޑުތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އިއްޔެގަ ބޭންކަށް ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް ބެލިއިރުގަ، މިމަސް ނިމޭ ހިސާބުގައި އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތްކުރައްވާފަ އޮތީ." ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި ޑޮލަރު ލިމިޓަށް ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވުމާ ގުޅިގެންނެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން ދުވާލަކު 1.33 މިލިއަން ޑޮލަރު ވިއްކަމުންދެއެވެ.
މި ވަގުތު އޮންލައިން ސައިޓްތަކުން ވިޔަފާރިކުރުމަށް ބޭންކުން ވަނީ ދުވާލަކަށް ވަކި ބަޖެޓެއް ކަނޑައަޅާފައެވެ. މި ބަޖެޓް ހަމަވުމުން ބައެއް ރީޓެއިލް ސައިޓްތަކުން އެ ދުވަހު ވިޔަފާރި ނުކުރެވުނު ނަމަވެސް، ޒަރޫރީ އެހެން ޚިދުމަތްތަކަށް ބުރުލެއް ނާންނާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ބަޖެޓް ހަމަވުމުން ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ނޮޓިފިކޭޝަން ފޮނުވާނެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ، ޓީމޫ އަދި ޝެއިން ފަދަ ސައިޓްތަކުން ވިޔަފާރިކުރާއިރު ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ކާޑު ބޭނުންކުރާނަމަ އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށެވެ. ބޭންކުގެ މަގްސަދަކީ މި ދަނޑިވަޅުގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ކަށަވަރުކުރުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޑޮލަރު ލިބޭ މިންވަރަށް ބަލައި ލިމިޓްތަކަށް ލުއި ދެމުންދާނެ ކަމަށް ބޭންކުން ވަނީ ޔަގީންކަން ދީފައެވެ.