ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިހާރު ފޯރުކޮށްދެމުންދާ "މެޑިކަލް ވެލްފެއަރ ސްކީމް" ގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި މިނިސްޓްރީ އޮފް ހެލްތުން މިއަދު ވަނީ ބަޔާނެއް ނެރުއްވާފައެވެ.
މި ބަދަލާ ގުޅޭގޮތުން ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެންސްޕާގެ ދަށުން ހިންގަމުން އައި މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް މިއަދުން ފެށިގެން ބަލަހައްޓަމުންދާނީ އާސަންދަ ކުންފުނިން ކަމަށެވެ. މިއީ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
އާސަންދައިގެ ދަށަށް ބަދަލުކުރެވޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:
- ގޯޝަން ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން.
- ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން.
- ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސް ހޯދުމަށް އެހީވުން.
- އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށްދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓް ހަމަޖައްސައިދިނުން.
- ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ޕަބްލިކް ހޮސްޕިޓަލްތަކާއި އާސަންދައިން ކަވަރުނުކުރާ ޚާއްސަ ޓެސްޓުތަކާއި ތަހުލީލުތަކަށް އެހީވުން.
- ބޭނުންވާ އެކިއެކި ސިއްހީ އާލަތްތަކާއި، މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފޯރުކޮށްދިނުން.
- ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތަކަށް އެހީވުން.
- ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ރިފަރަލް ހެދުމާއި، ހޮސްޕިޓަލް ބަދަލުކުރުމުގެ ކަންކަން.
- މެރަނަ ސްކީމްގެ ދަށުން ދިވެހިންނަށް ދެވޭ އެމަޖެންސީ ކަވަރޭޖް އިތުރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، އަމިއްލަ ޚަރަދުގައި ބޭރަށް ގޮސް އުޅެނިކޮށް ދިމާވާ ދަތިތަކަށް އެހީވުމާއި، ފަރުވާ ނިމުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީތެރިކަންވެސް ދެން ފޯރުކޮށްދޭނީ އާސަންދައިގެ ތެރެއިންނެވެ.
ހެލްތު މިނިސްޓްރީން ބަޔާންކުރައްވާފައިވާ ގޮތުގައި، މި ޚިދުމަތްތަކަށް އެދި ހުށަހަޅާ ފޯމު ފުރައިދޭ ޑޮކްޓަރަކީ އެ ބައްޔެއްގެ ޚާއްސަ ޑޮކްޓަރަކަށް ވާންޖެހޭނެއެވެ. އަދި ރާއްޖެއިން ބޭރަށް ރިފަރކުރަން ހުށަހަޅާ ސަބަބަކީ މާލެއިން ލިބެން ހުރި ފަރުވާއެއް ކަމަށްވާނަމަ އެ ހުށަހެޅުމެއް ރިޖެކްޓްވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 1400 ނުވަތަ 1402 ނަންބަރަށް ގުޅުއްވުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. ސަރުކާރުގެ އަމާޒަކީ މި ބަދަލާއެކު ބަލިމީހުންނަށް ދިމާވާ ތަކުލީފުތައް ކުޑަވެ، އަވަސް ޚިދުމަތެއް ލިބިގެންދިއުމެވެ.