MTCC

ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރުމަށް ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

427424_3_d0058cfcd38316eeb43c0d3118b2ee4eb815508c_large

ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރުމަށް ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

SHARE

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކޮށް، ދުންފަތުން އުފެދޭ ސިއްހީ ނުރައްކާތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ހިންގާ ގައުމީ ކެމްޕެއިނެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ފުރިހަމަ އެއްބާރުލުން މި މަސައްކަތުގައި ނުހަނު މުހިންމު ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ މަދުރަސީ ނިޒާމުގެ ތެރެއިން ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދުންފަތުގެ ނުރައްކަލާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިފަދަ ކަމެއްގައި ކެމްޕެއިނެއް ރޯލް އައުޓް ކުރެވިގެންދާއިރު ސަރުކާރާއި ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢާތްތަކާއި ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް މުހިންމުވާނެ. މިހާތަނަށް ދިވެހިރާއްޖެއިން ކޮށްފައި ހުރި މިފަދަ ކޮންމެ ކަމެއްގައިވެސް ދިވެހި ރައްޔިތުންގެ ބައިވެރިވުން ވަރަށް ސާބިތުކަމާއެކު ދައްކުވައިދީފައި އެބަހުރި،." ވަޒީރު ވިދާޅުވިއެވެ.

މި ކެމްޕޭނުގެ މަޤްސަދުތައް ހާިލުކުރުމަށްޓަކައި، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން ފުޅާދާއިރާއެއްގައި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންތައްތަކަކީ:

  • ހޭލުންތެރިކަން އިތުރުކުރުން: ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި، ކުޅިވަރުގެ މައިދާނާއި، ޒުވާނުންގެ ހަރަކާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާ ގުޅިގެން ދުންފަތުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުން.
  • ހިތްވަރުދިނުމާއި އިނާޔަތްތައް: ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި ލުއިތަކެއް ފޯރުކޮށްދިނުން.
  • ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން: ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް އެޅުން.

މި މަސައްކަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ބަލިތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ފެށިފައިވާ މުހިންމު އިސްނެގުމެކެވެ. ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ނިސްބަތް ނުހަނު ބޮޑަށް ދަށްކުރުމެވެ.

ދުންފަތުން ދިވެހިން ދުރުކުރުމަށްޓަކައި ސަރުކާރުން ވަނީ "ފިޔަވަތި" ނަމުގައި ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން ސްކޫލް ކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން "ބިންގާ" ޕްރޮގްރާމް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމާއި، ވޭޕް މަނާކުރުމަށް ކުރެވުނު މަސައްކަތްތައް ހަރުދަނާކުރުން ހިމެނެއެވެ.

"އުއްމީދު މި ކުރަނީ ރާއްޖެއަކީ ދުންފަތާއި ބެހޭ މައުލޫމާތު ވަރަށް ފުރިހަމައަށް ލިބިފައިވާ ގައުމެއްގެ ގޮތުގައި އޮތުން. އަދި އެއާއި އެކުގައި ލިބޭ މައުލުމާތުގެ މައްޗަށް ބިނާކޮށް، ދުންފަތުގެ ދުރުވާން ބޭނުންވާ ފަރާތްތަކަށް ސިއްހީ ނިޒާމް މެދުވެރިކޮށް އެހީތެރިކަން ލިބިގެން ދިއުން،".ވަޒީރު ވިދާލުވިއެވެ.

މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމަށް ޔޫތް އެމްބެސެޑަރުން ހޮވުމާއި، ކްލަބް ޖަމްއިއްޔާތަކަށް އިނާޔަތްދިނުމާއި، މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކޮށް، ދުންފަތުން ދުރުވާން ބޭނުންވާ ފަރާތްތަކަށް ސިއްހީ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމެވެ.