MTCC

ދުންފަތުން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށް އެބަ އޮތް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ -- ފޮޓޯ:އިޖްތިމާއީ ވުޒާރާ

ދުންފަތުން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށް އެބަ އޮތް: މެޑަމް ސާޖިދާ

SHARE

ދުންފަތުގެ ނުރައްކާތެރި ވަބާއިން އަންނަން އޮތް ޖީލުތައް ހިމާޔަތްކުރުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ ދުންފަތާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ކޮންމެ ޒުވާނަކަށްމެ ލިބިގެންވެއެވެ. އަދި އަންނަން އޮތް ޖީލުތަކަކީ މި ނުރައްކަލުން ރައްކާތެރިވެފައިވާ ބަޔަކަށް ހެދުމަށްޓަކައި، އެންމެން އަތްގުޅާލައިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް މެޑަމް ސާޖިދާ ވަނީ ތައުރީފު ކުރައްވާފައެވެ. ވަކިން ހާއްސަކޮށް، މުޖުތަމައު ހޭލުންތެރިކުރުވުމާއި، ތައުލީމީ ދާއިރާގެ ތެރެއިން ދުންފަތުގެ ނުބައިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ބާރުކަން އެކަމަނާ ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލެއްވީ، އެންމެން ގުޅިގެން ކުރާ މަސައްކަތުން ދުޅަހެޔޮ އަދި ދުންފަތުގެ އިސްތިއުމާލުން އެއްކިބާވެފައިވާ ޖީލެއް ބިނާކުރުމަށް ގޮވާލައްވަމުންނެވެ.