ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނާޒިމް އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިއުލާން ކުރެއްވީ މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އޭނާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ނިމިފައިވާ ކަމަށެވެ.
މައްސަލައިގެ ފަސްފަސްލަ:ވެރިކަންކުރާ ޕީއެންސީގެ 74 މެންބަރުންގެ ސޮޔާއެކު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ހެނދުނު 9:00 އަށް ޖަލްސާއެއް ތާވަލުކޮށް، ނާޒިމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އޮތީ ނިންމާފައެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް ނާޒިމް ވަޑައިގެންފައެއް ނުވެއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުން.
- މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާތަކުން ބަރީއަވުން.
- ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުން.
- މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި އިހުމާލުވުން.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީންވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އަދި ޕީއެންސީގެ މެންބަރުންގެ މެދުގައި މުއާމަލާތްކުރާ ވަޓްސްއެޕް ގުރޫޕުންވެސް އޭނާ ވަނީ ބޭރުކޮށްފައެވެ.