މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ 1،000 ހައްޖުވެރިން މިހާރު ތިބީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތު ބިމުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފަތިހު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ހައްޖުވެރިންވެސް ރޭ ފަތިހު 3:00 ހާއިރު އަރަފާތު ބިމަށް ވަދެފައިވެއެވެ. ނަމަވެސް، އެއް ހައްޖުވެރިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މިވަގުތު އޭނާއަށް ފަރުވާ ދެމުންދަނީ މިނާގެ ހޮސްޕިޓަލެއްގައެވެ.
"އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ. އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން،" ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު މިއަދު ހެނދުނު ވިދާޅުވީ، ހޮސްޕިޓަލުގައި ފަރުވާދެމުންދާ ހައްޖުވެރިޔާ މިއަދުގެ ވަގުތެއްގައި އަރަފާތަށް ގެނައުމުގެ މަސައްކަތް ހައްޖު މިޝަނުން ކުރަމުންދާ ކަމަށެވެ. އަދި ބާކީ ތިބި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހައްޖު މިޝަނުން އެންމެ ފަހުން މައުލޫމާތު ދީފައިވާ ގޮތުގައި، ބަލިވެގެން އަރަފާތު ބިމަށް ދިއުން ލަސްވި ހާޖީ ވެސް މިހާރު ވަނީ އެ ބިމަށް ގެންދެވިފައެވެ. އެހެންކަމުން، ރާއްޖެއިން ދިޔަ ހުރިހާ ހައްޖާޖީން މިހާރު ތިބީ އަރަފާތު ބިމުގައެވެ. ހައްޖުގެ އެންމެ މުހިންމު ރުކުނަކީ ހައްޖު މަހުގެ 9 ވަނަ ދުވަހު އަރަފާތު ބިމުގައި މަޑުކުރުމެވެ. އެ ބިމަށް އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.
އަރަފާތުގައި މަޑުކުރުމަށްފަހު، ހައްޖުވެރިން ދެން ދާނީ މުޒްދަލިފާއަށެވެ. އެތަނުގައި ރޭކުރުމަށްފަހު، ބޮޑު ޖަމްރާއަށް ހިލައުކުމާއި، ހަދްޔު ކަތިލުމާއި، އިސްތަށިގަނޑު ބޭލުން ނުވަތަ ކުރުކުރުން އޮންނާނެއެވެ. މީގެ އިތުރުން މިނާގައި ރޭކުރުމާއި، ތިން ޖަމްރާއަށް ހިލައުކުމުގެ އިތުރުން ޠަވާފުލް އިފާޟާ އަދި ސައުޔު ކުރުން ކުރިއަށްދާނެއެވެ. ހައްޖުގެ އަޅުކަން ނިންމާލާނީ ވަދާއުގެ ތަވާފުންނެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ގޮސްފައިވަނީ ސަރުކާރުގެ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. ސަރުކާރުން ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައެވެ.