ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، މިއީ އެމަނިކުފާނު ކުރައްވާ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލެއް، ނުވަތަ ދަތުރުފުޅުގެ ބޭނުމެއް އެ އޮފީހަކުން ހާމައެއް ނުކުރެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ. މީގެ ކުރިން ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ތިން ދަތުރުފުޅަކީ ވެސް ނުރަސްމީ ދަތުރުފުޅުތަކެކެވެ. އެހެންކަމުން މިއީ އެ ގައުމަށް ކުރައްވާ ހަތަރުވަނަ ނުރަސްމީ ދަތުރުފުޅެވެ.
ރައީސް އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއިރު، އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުއެވެ.
ނުރަސްމީ ދަތުރުފުޅުތަކުގެ އިތުރުން، މިދިޔަ ޖޫން މަހުގެ 29 އިން ޖުލައި 2 އަށް ރައީސް ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ އިސް ވަޒީރުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުއިިއްޒު އެންމެ ގިނައިން ދަތުރުފުޅު ކުރެއްވި ގައުމަކީ ސިންގަޕޫރެވެ. އާންމުގޮތެއްގައި ރައީސް ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކަކީ އާއިލީ ބޭނުންތަކަށާއި ސިއްހީ ކަންކަމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް މީގެ ކުރިން ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.