ވެރިކަން ކުރާ ޕީއެންސީގެ ސެނެޓާއި ލީޑަރޝިޕްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި، އެމަނިކުފާނާ މެދު އޮތް އިތުބާރަށް ބުރޫނާރާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ދާދިފަހުން ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމުގައި ރައީސް މުއިއްޒު ހުށަހެޅުއްވި ކަމަކަށް ސެނެޓުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ފަތުރާފައިވާ ޚަބަރަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހު ވިދާޅުވީ އެ ނޫހުން ފަތުރާފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
" މިޢީ ކަނޑައެޅިގެން ދޮގުޚަބަރެއް ރައީސް މުޢިއްޒު ބޭނުނުންފުޅުނުވާ އެއްވެސްކަމެއް ޕީއެންސީ ސެނެޓްގައި އަދި ލީޑަރޝިޕްގައި ވެސްނުހިނގާނެ. އެއަށްވުރެ ރައީސް މުޢިއްޒު ދެކެ އަޅުގަނޑުމެން އެއްމެން މާލޯބިވޭ އެމަނިކުފާނަށް އަޅުގަނޑުމެން އެއްމެންމާއިތުބާރުކުރަން." ފަލާހު ވިދާޅުވިއެވެ.
މިކަން މިހެން އޮތް ނަމަވެސް، ރައީސް މުޢިއްޒަކީ އަބަދުވެސް ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކަށް އިހުތިރާމް ކުރައްވައި، މަޝްވަރާގެ ރިވެތި ސިފަ އިސްކުރައްވާ ބޭފުޅެއްކަން ފަލާހު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ނިމިގެންދިޔަ ސެނެޓް ބައްދަލުވުމުގައި ވެސް ރައީސް ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ހުށަހަޅުއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި މުޅި ބައްދަލުވުމުގައި ވެސް އެމަނިކުފާނު ބާރުއެޅުއްވީ ހުރިހާ ކަމެއް ވެސް ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމެވުމަށެވެ.
"އަދަދު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާޓީގެ ކޮންގްރެސްގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ލީޑަރޝިޕަށް ދިނުމަށް ރައީސް ހުށަހެޅުއްވި ނަމަވެސް ސެނެޓުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އަދި އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގައި ރައީސް ބޭނުންފުޅުނުވާ ބައެއް ބޭފުޅުން ހިމެނޭ ކަމަށް ވެސް އެ ނޫހުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ފަލާހު ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކުރައްވާފައެވެ.
ފަލާހު އިތުރަށް ވިދާޅުވީ، މިފަދަ ދޮގު ހަބަރުތަކުން ސާފުވަނީ ބައެއް ފަރާތްތަކުން ފައިސާ ދީގެން ނޫސްވެރިން ލައްވާ ބޮޑެތި އިތުރުފުޅުތައް ހެއްދުމަށް މަސައްކަތް ކުރަމުންދާ މިންވަރު ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި މުޅި ގައުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ވެރިކަން ކުރައްވާ ހަމައެކަނި ރައީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސް އިންތިޒާމުކުރުމަށް ނެގި ކޮމިޓީގައި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، ޕީޖީ ލީޑަރު ފަލާހުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އުޅޭ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ސަރުކާރާއި ޕާޓީގެ މަގުބޫލުކަން ކުޑަކުރުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައި ޕީއެންސީން ސިފަކުރެއެވެ.