ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ވަކިން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ އއ. އަތޮޅަށެވެ. އެ އަތޮޅަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުމީ ލަފާގައިވާ ގޮތުން، އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، މިހާރު ކުރަމުންދާ ވިއްސާރަ އަލުން ރަނގަޅުވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ. އަދި މި މަހުގެ 23 އިން 25 އަށް ދަތުރުފަތުރު ކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.