މަކަރާއި ހީލަތުން ފައިސާ އަތުލާ ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ދެކޮޅަށް ހިންގި "އޮޕަރޭޝަން ފްރޮންޓިއަރ+ III" ގައި ދިވެހި ފުލުހުން ބައިވެރިވެ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ބޮޑެތި ސްކޭމްތަކެއް ހުއްޓުވައިފިއެވެ.
މި އޮޕަރޭޝަނަކީ 10 މާރިޗު އިން މިމަހު 7 ގެ ނިޔަލަށް، ދިވެހިރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރާއި ދުނިޔޭގެ 10 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ރާއްޖޭގެ އިތުރުން ސިންގަޕޫރު، ހޮންގްކޮންގް، ދެކުނު ކޮރެއާ، މެލޭޝިއާ، ތައިލޭންޑް، މަކާއޫ، އިންޑޮނޭޝިއާ، ބުރުނާއީ އަދި ކެނެޑާ އިން ބައިވެރިވިއެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 3,200 އަށްވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވިއެވެ. މުޅި އޮޕަރޭޝަންގެ ތެރެއިން 3,018 މީހުން ހައްޔަރުކޮށް، 138,000 އަށްވުރެ ގިނަ ސްކޭމް މައްސަލަ ތަޙުޤީޤުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޢަދަދު 752 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، އޮޕަރޭޝަންގެ ތެރެއިން 102,000 އެކައުންޓް ފްރީޒްކޮށް، 161 މިލިއަން ޑޮލަރު ހިފަހައްޓާފައިވެއެވެ.
ދިވެހި ފުލުހުންގެ 41 އޮފިސަރުން މި އޮޕަރޭޝަންގައި ހަރަކާތްތެރިވެ، ރާއްޖޭގައި ހިންގާފައިވާ 349 ސްކޭމް މައްސަލައެއް ތަޙުޤީޤުކުރިއެވެ. މި މައްސަލަތަކުގައި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ (4,025,424ރ) އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން 664 އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވެއެވެ.
މީގެއިތުރުން، ސްކޭމް ފައިސާ ދައުރުކުރަން ބޭނުންކުރާ "މަނީ މިއުލް" ތަކުގެ ގޮތުގައި މަސައްކަތްކުރި 574 މީހަކާ ސުވާލުކޮށް، އޭގެ ތެރެއިން 16 ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ތަޙުޤީޤަށް ފާހަގަކުރެވުނު ގޮތުގައި ރާއްޖޭގައި އެންމެ ގިނައީ އީ-ކޮމާރސް ސްކޭމްތަކާއި، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތަކާއި، މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ފިޝިންގ ސްކޭމްތަކުގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްތަކެވެ.
މި އޮޕަރޭޝަންގެ ނަތީޖާ އިޢުލާންކުރުމަށް ބޭއްވި ބައިނަލްއަޤްވާމީ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ 20 މޭ 2026 ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މަކަރާއި ހީލަތުގެ މުޢާމަލާތްތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތައް ހިންގުމުގައި ސަމާލުވުމަށާއި، ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ.