މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގެ ޝީޓްޕައިލްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތަކެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި ސަރަޙައްދުތަކުގައި މިހާތަނަށް 400 މީޓަރުގެ ޝީޓްޕައިލްކޮށް ވަނީ ނިންމާލާފައެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި އެއްގަމުތޮށީގެ ކެޕް އެޅުމުގެ މަސައްކަތާއި، ހަތަރުވަނަ ސެގްމަންޓުގެ ދުވާރު ހެދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން، އެ ސަރަޙައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން، މި ހަފުތާ ނިމުމުގެ ކުރިން ނަރުދަމާގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭއިރު، މަގުގެ އެކި ހިސާބުތަކުގައި ހުރި ކާނުތަކާއި މައި ފެންހޮޅިތަކާ ގުޅުންހުރި މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.
ޖުމްލަ 144 މިލިޔަން ރުފިޔާގެ މި މަޝްރޫޢަކީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢެކެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާ ހަމައަށް އޮތް 838 މީޓަރުގެ ސަރަހައްދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ނިމުމުން، މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށާއި އާންމު ހިދުމަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.