ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، ރާއްޖެއިން އަބަދުވެސް "ވަން ޗައިނާ" ސިޔާސަތު މަތީ ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުން މިއަދު އަލުން ކަށަވަރުކޮށްދީފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނު ދުވަހުން ފެށިގެން ރާއްޖެއިން ގެންގުޅޭ "ވަން ޗައިނާ ޕްރިންސިޕަލް" އަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ޤާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމުގައި ރާއްޖެއިން ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދުވަސްވަރަކީ ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއް ނަމަވެސް، ރާއްޖޭގެ މި ސިޔާސަތަކީ ބަދަލެއް ނުވާނެ ސާބިތު ސިޔާސަތެކެވެ. އދ. ގެ އާންމު މަޖިލީހުގެ ޤަރާރު 2758 އާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސްތަކަށް ރިޢާޔަތްކޮށް، ޓައިވާނަކީ ޗައިނާގެ ސަރަހައްދުން ވަކިކޮށްނުލެވޭނެ ބައެއް ކަމަށް ރާއްޖެއިން ޤަބޫލުކުރާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޗައިނާއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ޗައިނާއިން ވެދެމުންދާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާން ނިންމާލާފައިވަނީ، ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް އިސްކަންދީގެން، ދެ ފަރާތަށް ފައިދާހުރި ގޮތެއްގައި މި ގުޅުން ކުރިމަގުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އުއްމީދާއެކުގައެވެ.