ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން ޢަލީ ނަސީރު ޤާސިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އަލްއުސްތާޛު ޢަލީ ނަސީރު ޤާސިމް ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. ހުވާ ކުރެއްވުމަށްފަހު، މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއާ ހަވާލުކުރައްވާފައެވެ.
ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ޔަޒްމީދު މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ރާއްޖޭގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި، ފަނޑިޔާރުން އައްޔަންކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދުސްތޫރީ މުއައްސަސާއެވެ.