ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމުގެ ޙުއްދަ ނެތް ގިނަ އަދަދެއްގެ ބޭސްތަކެއް ބާޒާރުގައި ވިއްކަމުންދާ މައްސަލައިގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން އެ އޮތޯރިޓީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބޭސް އެތެރެކުރުމުގެ އެއްވެސް ހުއްދައެއް ނެތް ފަރާތްތަކުން ގަވާއިދާ ޚިލާފަށް ތަފާތު ވައްތަރުގެ ބޭސްތައް ރާއްޖެ އެތެރެކުރަމުންދާ ކަމަށެވެ. އަދި މި ބޭސްތައް އާންމު ފިހާރަތަކުގެ އިތުރުން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އޮންލައިންކޮށް ވިއްކަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، މިގޮތަށް ވިއްކާ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ތަކެއްޗެއް ނޫނެވެ. އެހެންކަމުން، މިފަދަ ބޭސްތައް ބޭނުންކުރުމަކީ އޭގެ ސަބަބުން އިންސާނާގެ ސިއްހަތަށް ނުރައްކާތެރި އަދި ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.
މި މައްސަލައިގައި އެމްއެފްޑީއޭއިން ވަނީ ރާއްޖޭގައި ވިއްކުން މަނާ 21 ބޭހެއްގެ ލިސްޓެއް ވެސް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ބޭސްތައް
- ހަންގަނޑު އަލިކުރުމަށް ބޭނުންކުރާ ތަފާތު ބޭސްތައް
- ހިންގްތައި ބާމް އަދި އިންހޭލާ
- މޫވް ސްޕްރޭ އަދި މޫވް އޮއިންޓްމެންޓް
އެ އޮތޯރިޓީން ބުނީ މި ތަކެއްޗަކީ ބޭހާބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ތަކެތި ނޫން ކަމަށާއި، މިފަދަ ބޭސްތައް އެތެރެކޮށް ވިއްކުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށެވެ. އަދި އާންމު ރައްޔިތުން ބޭސް ގަންނައިރު، އެއީ ހުއްދަ ދެވިފައިވާ ރައްކާތެރި ބޭސްތޯ ބެލުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.