MTCC

އައިޖީއެމްއެޗްގައި "ސްޓޭޓްފާމާ"ގެ ފުރަތަމަ ފާމަސީ ހުޅުވައި، ޚިދުމަތް ދޭން ފަށައިފި

1035x593-VFG1fUknpJIiLfHA87o0tpcBPUUCQcvchszwKS9d

އައިޖީއެމްއެޗްގައި "ސްޓޭޓްފާމާ"ގެ ފުރަތަމަ ފާމަސީ ހުޅުވައި، ޚިދުމަތް ދޭން ފަށައިފި

SHARE

ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަޤްޞަދުގައި، "ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ" ގެ ނަމުގައި ޚާއްސަ ފާމަސީއެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ހުޅުވައިފިއެވެ.

މި ފާމަސީ ހުޅުވާފައިވަނީ އެ ހޮސްޕިޓަލުގެ އޯ.ޕީ.ޑީ ސަރަހައްދުގައެވެ.

ސްޓޭޓްފާމާއިން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އެ ކުންފުނީގެ ދަށުން ރާއްޖޭގައި ހުޅުވުނު ފުރަތަމަ ފާމަސީއެވެ. މި ފާމަސީ ހުޅުވުމަކީ ފެންވަރު ރަނގަޅު ބޭހާއި ސިއްޙީ އާލާތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުމެކެވެ. ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ކޮންމެ ވަގުތަކުވެސް ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މި ފާމަސީން 24 ގަޑިއިރު ޚިދުމަތް ދޭނެއެވެ.

މި ފާމަސީގެ ޚާއްސަ ޚިދުމަތްތަކަށް ބަލާއިރު، އާންމުކޮށް ލިބޭ ބޭސްތަކުގެ އިތުރުން ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ އިންތިޒާމު ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން، އައި.ޖީ.އެމް.އެޗް އާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް (އިންޕޭޝެންޓުންނަށް) ބޭނުންވާ ބޭހާއި ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ސްޓޭޓްފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި މަސައްކަތުގެ ދަށުން 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން، 01 އޭޕްރިލް 2026 އިން ފެށިގެން ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އައި.ޖީ.އެމް.އެޗްގައި ހުޅުވުނު މި އައު ފާމަސީއާއެކު، ބޭސްސިޓީތަކަށް ބޭސް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.