ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގައި ހުންނަ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑުތައް، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި މިއަދު ހޯދައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެމީހުން ޑައިވް ކުރަން ވަން ހޮހަޅައިގެ ތެރެއިންނެވެ. މި ހޯދުންތަކާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އެމްއެންޑީއެފް ކޯސްޓްކާޑު އާއި ފުލުހުންގެ ޑައިވް ޓީމުގެ އިތުރުން އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ގެނައި ބޭރުގެ ތަޖުރިބާކާރުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ނަތީޖާ ކަމަށެވެ.
ހޮހަޅައިގެ ތެރެއިން މިހާރު ފެނިފައިވާ ހަށިގަނޑުތައް ބޭރަށް ނެރުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި މި ސަރަހައްދަކީ ނުރައްކާތެރި ސަރަހައްދަކަށް ވުމުން، ހަށިގަނޑުތައް ނެރުމުގެ މަސައްކަތުގައި ރާއްޖޭގެ ޑައިވަރުން ބައިވެރިނުކޮށް، އެކަން ކުރިއަށް ގެންދާނީ ބޭރުގެ ތަޖުރިބާކާރުންގެ ޓީމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެމީހުންގެ އިންސްޓްރަކްޓަރު ގެއްލުނީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ހޮހަޅައިގެ ތެރެއަށް ފީނަން އުޅެނިކޮށެވެ. މީގެ ކުރިން ކުރި މަސައްކަތުން، އުމުރުން 44 އަހަރުގެ އިންސްޓްރަކްޓަރުގެ ހަށިގަނޑު ކަނޑުގެ 60 މީޓަރު (197 ފޫޓު) އަޑިން ހޮހަޅަ ތެރެއިން ވަނީ ފެނިފައެވެ.
މި އޮޕަރޭޝަންގައި އިޓަލީގެ "ޑޭން" ނަމަކަށް ކިޔާ ކުންފުންޏަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ އިއްޔެ ސަސްޕެންޑު ކޮށްފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ.