މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި 100 މީޓަރުގެ ކެޕިންގް ކޮންކްރީޓް މަސައްކަތް ނިންމާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މަޝްރޫއުގެ ސެގްމަންޓް 2، 3، އަދި 4 ގެ ކީވޯލް ކެޕިންގް ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް 100 މީޓަރުގެ ކެޕިންގް ކޮންކްރީޓް މަސައްކަތް ވަނީ ނިންމާލެވިފައެވެ. މީގެ އިތުރުން، މި ސެގްމަންޓްތަކުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 68 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން މަގުގެ އުމްރާނީ ތަރައްގީއަށް މުހިންމު އެތައް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސްޓޯމްވޯޓާ ކެޗްޕިޓްތަކާއި ސްޓޯމްވޯޓާ ވެލްތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މަޝްރޫޢުގެ މުހިންމު މަރުޙަލާއެއްގެ ގޮތުން، އަންނަ ހަފުތާގައި ކުއޭވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް މި ހަފްތާގައި ފަށާފައިވާއިރު، މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ. ހަމައެއާއެކު، 5 ވަނަ ސެގްމަންޓްގައި ގަސް އިންދުމާއި ލޭންޑްސްކޭޕިންގ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.
މި ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފަށްޓަވާފައިވާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީކުރާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރާނެއެވެ.
އޭގެ އިތުރުން، އެންކަރ ބްލޮކް ހަރުކުރުމާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި ސަރުކާރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފައްޓަވާފައިވާ މި މަސައްކަތުގެ ސަބަބުން، މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް މައްސަލަތަކަށް ހައްލެއް ލިބި، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.