MTCC

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

ފޮޓޯ: ވަންއޮންލައިން

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

SHARE

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ނިމިދިޔަ 2025 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ބަހާ ފައިދާ އިތުރުކޮށް، ކޮންމެ ހިއްސާއަކަށް 85 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ފާސްކުރިއިރު، މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެސްޓީއޯ އިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އަދަދު އިތުރުވި ތިންވަނަ އަހަރެވެ. އެގޮތުން 2023 ވަނަ އަހަރު ހިއްސާއަކަށް 77 ރުފިޔާ ބަހާފައިވާއިރު، 2024 ވަނަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 80 ރުފިޔާއެވެ.

އެ ޖަލްސާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ކުންފުނީގެ މުސްތަޤްބަލާ މެދު އުންމީދީ ވާހަކަތަކެއް ދައްކަވާފައެވެ. ޝިމާދު ވިދާޅުވި ގޮތުގައި، ކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އެސްޓީއޯއަށް އަހަރަކު ލިބޭ ސާފު ފައިދާ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ކުންފުނީގެ ވިޔަފާރީގެ ވޮލިއުމް އިތުރުކޮށް، "ރިޓާން އޮން އިކުއިޓީ" 15 އިންސައްތައަށް ވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެސްޓީއޯ ގްރޫޕަށް ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިންގ ދާއިރާއިން ލިބުނު އާމްދަނީ މަދުވުމުގެ ސަބަބުން، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ތެޔޮ ވިކުނު އަދަދު 8 އިންސައްތަ އިތުރުވެފައިވާކަމާއި، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިންގ ވިޔަފާރި ކުރިއަރާފައިވާކަން ކުންފުނިން ފާހަގަކުރެއެވެ.

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެސްޓީއޯ ކުންފުންޏަށް އެކަނި 763 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.

މިރޭގެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މުހައްމަދު އަހުސަން ސަލީމް އިންތިޚާބު ކުރުމާއި، ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި މިއަހަރުވެސް "އާންސްޓް އެންޑް ޔަންގް" ހަމަޖެއްސުން ހިމެނެއެވެ. ޝިމާދުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، 2030 އާ ހަމައަށް ދާއިރު އަސާސީ މުދާ ލިބޭނެކަން 98 އިންސައްތައަށް ކަށަވަރު ކުރުމަކީވެސް ކުންފުނީގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.