ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކޮށް ހުވާކުރުމުގެ ރަސްމިއްޔާތުތައް މިއަދު ބާއްވައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކާ ގުޅިގެން އިންތިޒާމުކުރި މި ރަސްމިއްޔާތުތައް ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 9:00 ޖެހިއިރުއެވެ. ބައެއް ސިޓީތަކާއި ރަށްރަށުގައި މިއަދުގެ އެކި ގަޑިތަކުގައި މި ރަސްމިއްޔާތުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ކައުންސިލަރުންނަށް ހުވާލައިދެއްވީ އެ ރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޒީއެކެވެ.
މާލޭގައި އެ ރަސްމިއްޔާތު ބޭއްވީ ސޯޝަލް ސެންޓަރުގެ ހޯލްގަ އެވެ.
އެލްޖީއޭއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. އޭގެ ތެރެއިން 677 ކައުންސިލަރުން މިހާތަނަށް އިންތިޚާބުކޮށްފައިވާއިރު، މިއަދު ވަނީ 676 ކައުންސިލަރުން ހުވާކޮށްފައެވެ. މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖައްސާނެ ކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކަށް ބަލާއިރު، 678 މެންބަރުން އިންތިޚާބު ކުރަން ޖެހޭއިރު 673 މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މީގެ ތެރެއިން މިއަދު އިޤްރާރުގައި ސޮއިކޮށްފައިވަނީ 662 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އިންތިޚާބުގައި ޕީއެންސީން ވަނީ ކައުންސިލްތަކުގެ 280 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 304 ގޮނޑިއާއެކު ޖުމްލަ 584 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީން ކައުންސިލްތަކުގެ 289 ގޮނޑިއާއި އަންހެނުންގެ ކޮމެޓީތަކުގެ ގޮނޑިތަކާއެކު ޖުމްލަ 563 ގޮނޑި ހޯދާފައިވާކަން އެ މައުލޫމާތުތަކުން އެނގެއެވެ.
އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން މިއަދު ބާއްވާނެއެވެ. މި ބައްދަލުވުންތަކުގައި ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ހަމައެފަދައިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޑަބްލިއުޑީސީގެ ރައީސްގެ މަޤާމަކީ އެ ކޮމިޓީ ހިންގުމަށް ކަނޑައެޅިފައިވާ ފުލްޓައިމް މަޤާމެކެވެ.
މިއަދު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ މި ނިޒާމުގެ އެންމެ ބޮޑު މަޤްސަދެވެ.
ދިވެހިރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަރުން ހުވާކޮށްފައިވަނީ 2011 ވަނަ އަހަރުގެ ފެބުރުއަރީ 26 ގައެވެ. ޤާނޫނު ބުނާގޮތުން ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ލާޒިމު ކަމެކެވެ.