MTCC

ގެއްލުނު ޑައިވަރުން ހޯދަން ފިންލެންޑުގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެ

b_202605160333401778927620.8792

ގެއްލުނު ޑައިވަރުން ހޯދަން ފިންލެންޑުގެ ތަޖުރިބާކާރުން ރާއްޖެ އަތުވެއްޖެ

SHARE

ވ. އަތޮޅު ސަރަހައްދަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނަށް އެހީތެރިވުމަށް، ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރުއެވެ. ވ. އަތޮޅު ކަނޑުގެ ސަރަހައްދަށް ޑައިވިނަށް ދިޔަ މި ގްރޫޕުގައި ހިމެނެނީ އިޓަލީވިލާތަށް ނިސްބަތްވާ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ.

މި މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކަނޑާއި ވައިގެ މަގުން ފަށާފައިވާއިރު، މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ހިތްވަރުގަދަ އޮފިސަރަކު، ފީނުމުގެ ތެރޭގައި ޑީކޯވެގެން އިއްޔެ ވަނީ ނިޔާވެފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރެސްކިއު އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލީ ބޭރުގެ ތަޖުރިބާކާރުންގެ ޓީމު ރާއްޖެ އަންނަންދެންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު ހުސައިން މުހައްމަދު ޝަރީފް (މުންދު) ރޭ ވިދާޅުވި ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް އިޓަލީ ސަރުކާރުން ހަވާލުކޮށްފައިވަނީ 'ޑޭން' ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ ކުންފުނީގެ ފަރާތުން ރާއްޖެ އައިސްފައިވަނީ ހޮހަޅަތަކަށް ފީނުމުގެ (ކޭވް ޑައިވިންގ) ބޮޑު ތަޖުރިބާލިބިފައިވާ ފިންލެންޑުގެ ތިން ޑައިވަރުންނެވެ.

މިހާރު ރާއްޖެ އައިސްފައިވާ މި ތަޖުރިބާކާރުންގެ ޓީމުން ކުރިއަށް އޮތް ވަގުތުތަކުގައި އެމްއެންޑީއެފާ ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވާނެއެވެ. މި އޮޕަރޭޝަން ކުރިއަށްދަނީ ކަނޑުގެ އަޑީގެ އޮއިވަރާއި ހާލަތަށް ބަލައި، ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.