ރާއްޖޭގައި ހިނގާފައިވާ ގޮތްނޭނގޭ މަރުތަކާއި މީހުން ގެއްލުވާލުމުގެ ހާދިސާތަކަށް އިންސާފު ނުލިބި ދިގުލައިގެން ދަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލިސް ފެއިލްވުމުން ކަމަށް، ކުރީގެރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އިންސާފު ގާއިމުނުކުރެވުނު ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް އަދި ޔާމީން ވަނީ އެބޭފުޅުންގެ ސަރުކާރުތަކުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.
ކުރީގެ ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މިފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ހިންގުމަކީ ފުލުހުންގެ ޒިންމާއެކެވެ. އަދި ފުލުހުން އެ މަސައްކަތް ރަނގަޅަށް ނުކުރާނަމަ، އެ މުއައްސަސާ ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ.
"ރައްޔިތުންގެ މަޖިލީހުން އެމީހުން ހާޒިރުކޮށްފައި، މިހާރު މިސާލަކަށް ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީ، 241 ކޮމިޓީ ދެއްތޯ، މަޝްހޫރު ކޮމިޓީ، މަޖިލިސް މެންބަރުން، ރައްޔިތުންގެ މަންދޫބުންގެ ފެއިލިއާ އެއް ދެއްތޯ ފެނިގެން މި ދަނީ؟ ފެނިގެން މިއޮއް ދަނީ ހަަމަ އެކަނި ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ހުންނަ މީހަކު ކަމެއް ނުކުރި ކަމެއް ނޫން،". ޔާމީން ވިދާޅުވި އެވެ.
ސަރުކާރު ނިމިގެންދާއިރު ހުރިހާ ކަމަކަށް ޒިންމާވާންޖެހޭނީ ރައީސް މީހާ އެކަނި ނޫންކަމަށާއި މުއައްސަސާތަކުން ވަކި ކަމެއް ނުކުރާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމުގެ ބާރު މަޖިލީހަށް ދީފައިވާކަމަށް ވިދާޅުވި އެވެ.
ރިލުވާނުގެ މައްސަލަ ވެސް، ދެން ތިބި މީހުންގެ މައްސަލަ ވެސް ހަަމަ ރައީސް ޔާމީން ސަރުކާރުގައި، ވެރިކަމުގައި ތަހުގީގު ފަށްޓާފައި ވަނީ. ތަހުގީގު ނުނިމި އުޅެނިކޮށް އަޅުގަނޑު ވެރިކަމުން ވަކިވީ. ދެން ކަންތައް ދިޔަ ގޮތް ވެސް ހަމަ، ދެންމެ ސޯލިހު އެ ވިދާޅުވެދެއްވީ. މިއީ ފުލުހުން ކުރަން ޖެހޭ މަސައްކަތެއް ދެއްތޯ؟ ފުލުހުންނަށް އެކަން ނުކުރެވިގެން ދިގުލައިގެން ދާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުން ދެއްތޯ އެމީހުން ހާޒިރުކުރަން ޖެހޭނީ،". ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، މިހާރު ރާއްޖޭގެ ކަންކަން ހުރި ގޮތުން ގައުމު މިވަނީ ވިހި އަހަރު ފަހަތަށް ގޮސްފައި ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް އެކި ދައުވާތައް އުފުލި ނަމަވެސް، ޝަރުއީ ކޯޓުތަކުން އެ ދައުވާތަކުން ބަރީއަވެފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މިއަދު ތިން ރައީސުން އެކުގައި ނޫސްވެރިންގެ ދިފާއުގައި ނުކުތުމަކީ ނޫސްވެރިން އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި މަރުތަކުގެ މައްސަލަ ބަލަން ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފެއްދެވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ރިޕޯޓް ނެރުނު ކަމަށާއި، ރިލްވާންގެ މައްސަލާގައި ތުހުމަތުކުރެވޭ ބަޔަކު ބަންދުކުރެވުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓް އާންމުނުކުރީ ޝަރީއަތް ހިނގަމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވެވަޑައިގަތް ވައުދަކީ މި މަރުތަކަށް އިންސާފު ހޯދައިދިނުން ކަމަށްވީ ނަމަވެސް، ފަސް އަހަރުގެ ދައުރު ނިމުނުއިރުވެސް އާއިލާތަކަށް އެދެވޭ އިންސާފެއް ލިބިފައި ނުވާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ތިން ރައީސުންވެސް ވަނީ، މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މައްސަލަތައް ބަލައި، އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައްވާފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތިން ރައީސުން އެކުގައި ފެނިގެންދިޔަ މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ.